ބައެއް ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންނާއި ބައްދަލުކުރައްވައި ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ. 

މި ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ވާރޗުއަލްކޮށެވެ. މިއަދުގެ ބައްދަލުވުމުގައި ކެނެޑާ، ނޯވޭ، ސްވިޓްޒަލެންޑް އަދި ތުރުކީއިން ރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ އިތުރުން އޮސްޓްރޭލިއާ އަދި ނިއުޒިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންގެ ނައިބުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ސަފީރުން ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޤައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކާ، އެބޭފުޅުންގެ ތަޖުރިބާ، މިނިސްޓަރ ޝާހިދު އާ ހިއްސާކުރައްވާފައެވެ.

މިއަދުގެ މި ބައްދަލުވުމަކީ ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ސިލްސިލާގެ ދަށުން މީގެ ކުރިންވެސް އެކި ސަރަހައްދުތަކުގެ ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާއެކު މިނިސްޓަރ ޝާހިދު ވަނީ ވަރޗުއަލް ބައްދަލުވުންތައް ބާވަވާ، މަޝްވަރާތައް ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.