އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފްލައިންގ ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް އެދިވަޑައިގަންނަވައިފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަންނަވާފައި ވަނީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި އެންމެ އިސްކަމެއްގެ ގޮތުން ވާހަކަ ދެކެވިފައި ވަނީ، އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭ.އޭ.އޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ބެހޭގޮތުން ކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ އިތުރުން މީހުން ބިނާކުރުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެއް ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. ނައިބް ރައީސް ވަނީ، އެ މަރުކަޒުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ކޯސް އަވަސް ފުރުޞަތެއްގައި ނިންމޭނެ އިންތިޒާމުތައް ހަމަޖެއްސޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

މި މައްސަލަ އާއި ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، އެ މަރުކަޒުގައި ތަމްރީނު ފުރިހަމަކުރަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން އެ ކަމުގައި އެތައް އަހަރެއް ހޭދަކުރަން ޖެހިފައިވާކަމުގެ ޝަކުވާ އިތުރުވެފައިވާ ކަމަށާއި، އެ ކަމުގެ ސަބަބުން އެ ދަރިވަރުން ކުރަންޖެހިފައިވާ ހޭދަ އިތުރުވެގެން ގޮސްފައިވާކަމުގައެވެ. އެހެންކަމުން، މިއީ ވީ އެންމެ އަވަސް ފުރުޞަތެއްގައި ހައްލު ބޭނުންވެފައިވާ މުހިންމު މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އެ މަރުކަޒާއެކު މަޝްވަރާކޮށް، އެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރެއްވުމަށް ކަމާގުޅޭ އިދާރާތަކުގައި އެދިވަޑައިގަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަޙުލާގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.