ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެ ވަނިކޮށް، އެ ހާލަތުގެ ނާޖާއިޒް ފައިދާ ނަގާ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކުން ރައްޔިތުންގެ ކުރިމަތީ ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ޝިއުނާ މިއަދު ދެއްވި ހިތާބުގައި ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް މި ދުވަސްވަރު ބޮޑު ހޭދައެއް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގާ މީހުން އެއްވެސް އިންސާނިއްޔަތުކަމެއް ނެތި ރައްޔިތުންގެ މުދަލާއި ފައިސާ ބޭނުން ކުރަން ފަސް ނުޖެހޭ ކަމަށެވެ. އެގޮތުން އާ އުކުޅުތައް ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތަން މުޅި ދުނިޔެއިން ފެންނަ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސިއްހީ ދާއިރާއަށް ބިލިއަނުން އިންވެސްޓު ކުރަމުންދާއިރު، މި ހާލަތުގެ ގޮތުން އިމަޖަންސީ ޕްރޮކިއުމަންޓް މަރުހަލާއެއް ކުރިމަތިވުމަކީ ކޮރަޕްޝަނަށް މަގުފަހިވެގެންދާ ކަމެއް ކަމަށް ޝިއުނާ ވިދާޅުވި އެވެ. އެފަދަ ގޮތަކަށް ދައުލަތުގެ އެކި އިދާރާތަކުން ހިދުމަތާއި ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތައް އަމަލުކޮށްފައިވާ ކަމަށް ތުހުމަތުކޮށް މިހާތަނަށް ޖުމުލަ 34 ޝަކުވާއެއް އޭސީސީއަށް ހުށަހެޅިފައިވާ ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ.

"ސިއްހީ ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި ޒިންމާދާރު މަގާމުގައި ތިއްބަވާ ފަރާތްތަކުގެ ވިސްނުމަކީ މިފަދަ ހާލަތެއްގައި ނާޖާއިޒް ފައިދާ ނަގައި ނުހައްގު މުސްހަނދިކަމެއް ހޯދައި ދިނުން ކަމަށް ދެކޭނަމަ، ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެކަން އެ ފަރާތްތަކުން ވެސް ހަނދާން ކުރަން ޖެހޭނެ،" ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން ނާޖާއިޒް ފައިދާ ހޯދާ ފަރާތްތަކާމެދު މަގާމަކަށް ނުވަތަ ނިސްބަތްވާ ޕާޓީއަކަށް ބެލުމެއް ނެތި ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ކުރުވައި ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ފިޔަވަޅު އެޅުމަށް އޭސީސީ އިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެކަމުގައި ކުރިޔަށް ދިޔުމުގެ ހިތްވަރު ލިބިގެންދާނީ ރައްޔިތުންގެ ވެސް އެހީތެރިކަމާއެކުގައި ކަމަށް ވެސް ޝިއުނާ ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.