ދިވެހިރާއްޖޭގެ ސަރުކާރާއި ޗައިނާ ސަރުކާރާއި ދެމެދު ޑިރެކްޓަރ ޖެނެރަލް ލެވެލްގެ މަޝްވަރާތައް މާދަމާ ބާއްވަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްވަރާ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން އިސްކޮށް ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދް ފައިސަލްއެވެ. ޗައިނާގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާނީ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް (އޭޝިއަން އެފެއަރޒް ޑިޕާޓްމަންޓް) މރ ޗެންގް ސޮންގް އެވެ.
މި ބައްދަލުވުމުގައި ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ފަތުރުވެރިކަން ކުރިއެރުވުން އަދި ބައިނަލްއަޤްވާމީ ދަތުރުފަތުރާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. ގެ ދައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ގުޅިގެން މަލްޓިލޭޓަރަލް ފޯރަމްތަކުގައި އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރާނެކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އިތުރަށް ފޮރިން މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރާ އެކައްޗަކީ ތަރައްޤީގެ ބައިވެރިންނާއެކު ދިވެހި ސަރުކާރުން ކުރިއަށް ގެންދާ މަޝްވަރާ ބައްދަލުވުންތަކެވެ. މިގޮތުން، ކޮވިޑް-19އާއި ގުޅިގެން އެންމެ ފުރަތަމަ އެހީ ފޯރުކޮށްދިން އެއް ގައުމަކީ ޗައިނާއެވެ.
ދިވެހިރާއްޖެއާ ޗައިނާ އާ ދެމެދު ހުއްޓުމެއް ނެތި މަޝްވަރާތައް ކުރިއަށްދާއިރު، ޑިރެކްޓަރ-ޖެނެރަލް ލެވެލްގައި މިދިޔަ ޖުލައި މަހުވެސް މަޝްވަރާތައް ބާއްވާފައިވެއެވެ.