ސެންޓްރަލް އެމަޖެންސީ ފަންޑު (ސަރފް) އިން ފޯރުކޮށްދިން އެހީގެ ސަބަބުން ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ކުރަމުންއަންނަ މަސައްކަތަށް މުހިންމު ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. 

ޝާހިދު މިހެން ވިދާޅުވީ އދގެ ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑްގެ މިއަހަރުގެ ހައި-ލެވެލް ޕްލެޖިންގ އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ. "އަ ފަންޑް ފޮރ އޯލް، ބައި އޯލް" ނަމުގައި ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއަރޒްއިން އިންތިޒާމުކޮށްގެން ބޭއްވި މި އިވެންޓްގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ޝާހިދުވަނީ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ.

އެގޮތުން، ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެވެސް އިގްތިސާދު ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައި، ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ކުރިމަތިލުމުގައި ސަރފްގެ ދައުރު މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ބަލިމަޑުކަމާއި ކުރިމަތިލުމަށް ބޭނުންވާ އެހީތެރިކަން ސަރފްއިން ފޯރުކޮށްދިން ކަމަށާއި ޤުދުރަތީ ކާރިސަތަކާ ކުއްލި ޙާލަތްތަކުގައިވެސް ސަރފްއިން ވަރަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދޭކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިންސާނިއްޔަތަށް ކުރާ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް މަދުކުރެވިގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް، ވަސީލަތްތައް މަދު ނިކަމެތި އާބާދީތަކަށް އެހީ ފޯރުކޮށްދިނުމުގައި އަންހެނުންނާއި ކުޑަކުދިން އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސަރފް އިން ޚާއްސަ އަހައްމިއްޔަތުކަމެއް ދެމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި އެހީ ފޯރުކޮށްދިނުމުގައި އދގެ އެކި އެޖެންސީތައް މެދުވެރިކޮށް އެހީ ފޯރުކޮށްދިނުން މުހިންމުކަމަށް ޝާހިދު ވިދާޅުވިއެވެ. 

ސަރފް ގާއިމްކުރެވުނީ 2005 ވަނަ އަހަރު އދގެ އާއްމު މަޖިލީހުންނެވެ. މިއީ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމުގައި އެކުލަވާލެވުނު ފަންޑެކެވެ. 2006 ވަނަ އަހަރު މި ފަންޑް ޤާއިމްކުރެވުނު ފަހުން 100 އަށްވުރެ ގިނަ ޤައުމުތަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ މި ފަންޑުން ފޯރުކޮށްދީފައިވެއެވެ. ނިމިގެންދިޔަ ހައި-ލެވެލް ޕްލެޖިންގ އިވެންޓްގައި 2021 ވަނަ އަހަރަށް ފަންޑަށް އެހީތެރިވެދިނުމަށް ޤައުމުތަކުން ކަނޑައަޅާ މިންވަރު ހާމަކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.