ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިިހެން ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލުން ދެއްވާ ނޫސްވެރިކަމުގެ އިނާމް 2019ގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވެ. 

މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ރައީސްވަނީ މިހާރު ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމަކީ މިނިވަން އަދި ވާދަވެރި ނޫސްވެރިކަމެއް ކަން ފާހަގަކުރައްވާފައެވެ. އެގޮތުން، މީގެ 2 އަހަރު ކުރިން ނޫސްވެރިކަން އޮތް ހާލަތު ހަނދާން ނުނެތޭނެކަން ޔަގީންކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެދުވަސް އަލުން ދެކެން އެއްވެސް މީހަކު ބޭނުމެއް ނުވާނެކަމަށާއި އޭރު ބްރޯޑްކޮމްގެ މައިގަނޑު މަސްއޫލިއްޔަތަކީ މީޑިއާތަކަށް ފިޔަވަޅު އެޅުންކަމަށް ރައީސް ވިދާޅުވިއެވެ. އެ ސަގާފަތް މިހާރު ބަދަލުވެއްޖެ ކަމަށްވެސް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސްް، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ގަބޫލުކުރާ ގޮތުން ނޫސްވެރިކަމަކީ ހަތަރުވަނަ ބާރުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަމުގެ ބޭނުމަކީ ގައުމުގެ ކޮންމެ ކަމެއްގައިވެސް އެންމެ ރަނގަޅު މަގު ރައްޔިތުންނަށް ދައްކައިދިނުން ކަމަށެވެ. މިގޮތުން، ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ ޒިންމާއެއް އެބައޮތެވެ. ނޫސްވެރިންނަކީ މުޖުތަމައުގެ ކަންކަން ބޭނުން ދިމާއަކަށް ބަދަލުކޮށްލެވޭ ބަޔަކަށް ވާއިރު އެމީހުން މަސައްކަތްކުރަންވާނީ ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހެވާ ލާބައަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމަކީ ހަމައެކަނި ހިނގާ ކަންތައްތައް ރައްޔިތުންނަށް ގެނައުން ނޫންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އިޖުތިމާއީ ބޮޑެތި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރަންޖެހޭ ބަޔެއްކަން ފާހަގަކުރައްވަމުން މަސްތުވާތަކެތި އަދި ހަރުކަށި ފިކުރުގެ މައްސަލަ ފަދަ މައްސަލަތަކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. 

އެމްއެމްސީ އިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމް މެދުނުކެނޑި ދޭތާ މިހާރު 6 އަހަރު ވެއްޖެއެވެ. މިއަހަރު އެވޯޑް ލިބުނު ހުރިހާ ފަރާތްތައްވެސް ލިބޭ އެވޯޑްގެ ނަން ދަމަހައްޓައި ޒިންމާދާރު ނޫސްވެރިއެއްގެ ގޮތުގައި ދެމިހުންނަން މަސައްކަތްކުރުމަށް ރައީސް ނަސޭހަތްތެރިވިއެވެ. އަލަށް ނޫސްވެރިކަމުގެ ދާއިރާއަށް ވަންނަ ނޫސްވެރިންވެސް ނޫސްވެރިކަމަގު ގަލަން ނަގަންވާނީ އޭގެ ތުނޑުން ތިމާލިޔާނީ ބިނާކުރުވަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރުވަނިވި ލިޔުމެއްތޯ ނިންމުުމަށްފަހު ކަމަށް ރައީސް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.