މިއަދު މާލޭގައި ފުލުހުން ކުރިއަށް ގެންދާ ޑްރަގްގެ ބޮޑު އޮޕަރޭޝަނެއްގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަންގައި 71 ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށާއި މި މައްސަލައާއި ގުޅިގެން 10 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
ފަރީދީ މަގުގައި އޮތް ކާރެއްގެ ތެރެއިން ފުލުހުން އަތުލައިގަނެފައިވަނީ މަސްތުވާތަކެތި އެޅި 2 ގޯންޏާއި 2 ދަބަހެވެ. މީގެ ތެރެއިން އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 71 މިލިއަން ދިވެހި ރުފިޔާއަށް އަރާކަމަށް ސީޕީ ހަމީދުވަނީ ވިދާޅުވެފައެވެ.
ހަމީދު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން އެ އޮޕަރޭޝަނުގެ ދަށުން ކަނޑާއި އެއް ގަމުގައި ހަރަކާތްތެރިވަމުންދާތާ ހަފުތާއެއްވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނުން ފެށިގެން މިހާތަނަށް މާލެއިން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގައި މައްސަލަތައް ހުރި ނަމަވެސް ޑްރަގް ހުއްޓުވުމަށް ފުލުހުން ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ. އޮޕަރޭޝަން ނިމުމުން އިތުރު މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވިއެވެ.