ބޭރުގެ ބައެއް ގައުމްތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނާ މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.
ވަރޗުއަލްކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ކިއުބާ އަދި މެކްސިކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ ސަފީރުންގެ އިތުރުން ސަރބިއާ އަދި އާޖެންޓީނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޑިޕްލޮމެޓިކް މިޝަންތައް ހިންގުމާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުއާއި ސަފީރުން ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުންނާއި، ބައިލޭޓަރަލް އަދި މަލްޓިލޭޓަރަލް ގުޅުންތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
ފޮރިން މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި މިއީ ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ މަންދޫބުންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ފޮރިން މިނިސްޓަރ ޝާހިދު އިސްނަންގަވައިގެން ބާއްވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެކެވެ. މި ސިލްސިލާގައި ކުރިންވެސް އެހެން ބައެއް ގައުމްތަކުގެ ސަފީރުންނާއި މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ.