މާލޭގައި ފުލުހުން ކުރިއަށް ގެންދާ ޑްރަގްގެ ބޮޑު އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފިއެވެ. ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ފުލުހުން ކުރިއަށް ގެންދާ އެ އޮޕަރޭޝަން އަދިވެސް ދަނީ ކުރިއަށެވެ.
ފުލުހުން މިހާރު ވަނީ ފަރީދީމަގު ބަންދުކޮށްފައެވެ. އެ މަގުގައި އޮތް ކާރެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. އޭގެ ފޮޓޯތައް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ.
ހަމީދު ވިދާޅުވި ގޮތުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތުމަށް ފުލުހުން އެ އޮޕަރޭޝަނުގެ ދަށުން ކަނޑާއި އެއް ގަމުގައި ހަރަކާތްތެރިވަމުންދާތާ ހަފުތާއެއްވެފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނުން ފެށިގެން މިހާތަނަށް މާލެއިން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޮޕަރޭޝަން ނިމުމުން އިތުރު މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ވެސް ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ވިދާޅުވިއެވެ.