ސައުތް އޭޝިއަން އެސޯސިއޭޝަން ފޯރ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެ ޖަމުޢިއްޔާއަކީ މެންބަރު ޤައުމުތަކަށް އިތުރު ލާބައާއި މަންފާ ލިއްބައިދެނިވި ގުޅުމަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވައިލައްވައިފިއެވެ. އެ މަނިކުފާނު މި ކަމަށް ގޮވައިލައްވާފައި ވަނީ، މިއަދު ފާހަގަކުރަމުންދާ "ސާކް ޗާޓަރ ޑޭ"ގެ މުނާސަބާގައި އެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިސާލަ ރުވާން ވީރަކޫންއަށް ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި، ސާކް އުފެދުނުތާ 36 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެ ޖަމުޢިއްޔާގެ ސެކްރެޓަރީ ޖެނެރަލާއި، ސާކް ސެކްރެޓޭރިއެޓް އަދި ސާކް ޢާއިލާގެ މެންބަރުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރެއްވިއެވެ.

މި އަހަރުގެ ސާކް ޗާޓަރ ޑޭ ފާހަގަކުރަމުން މި ދަނީ، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ހާލަތެއްގައިކަން ފާހަގަކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އެ މަނިކުފާނު ވިދާޅުވީ މިފަދަ ހާލަތެއް މެދުވެރިވުމުގެ ސަބަބުން ސާކް ފަދަ ގުޅުންތަކުގެ މުހިންމުކަން އިތުރުވެގެން ގޮސްފައިވާކަން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ. އަދި، މިފަދަ ހާލަތަކުން އަރައިގަތުމަށް ސާކްގެ ޤައުމުތަކުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކޮށް، ހެޔޮ އަދި މަންފާކުރަނިވި ކާމިޔާބީތަކެއް ހާސިލުކުރުމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޯވިޑް-19ގެ ހާލަތާއި ދުނިޔެ ބައްދަލުކުރުމާއެކު ސާކްގެ ޤައުމުތަކުގެ ބައްދަލުވުމެއް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ، ސާކް ކޯވިޑް-19 އެމަރޖެންސީ ރިލީފް ފަންޑް އެކުލަވައިލުން ވެގެންދިޔައީ ސާކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދިން ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ސިފަކުރެއްވިއެވެ. މި ހާލަތާމެދު އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ، ސާކްގެ ގުޅުމުގެ ފުރިހަމަ ލާބައާއި މަންފާ ހޯދުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރަން ޖެހިފައިވާ ހާލަތެއް ކަމުގައެވެ. އަދި، މެންބަރު ޤައުމުތަކުގެ މެދުގައި އިތުރަށް މަޝްވަރާކޮށް، ފައިދާކުރަނިވި ދާއިރާތަކުން އިތުރަށް މަސައްކަތް ކުރުމުގެ ބޭނުންތެރިކަން އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން އެ މަނިކުފާނު ވަނީ 1985 ވަނަ އަހަރު ސާކް އުފެދުނީއްސުރެ، ދިވެހިރާއްޖެއަކީ އެ ޖަމުޢިއްޔާގެ ކުރިއެރުމާއި ތަރައްޤީއަށް ނުހަނު ޚިދުމަތްތެރި މަސައްކަތްތަކެއް ކޮށްފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، އެ ގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މުސްތަޤުބަލުގައި ވެސް، މި ސަރަޙައްދުގެ ޞުލްޙަ މަސަލަސްކަމާއި، ތަރައްޤީއާއި، ހަމަޖެހުމަށް މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.