މަޝްވަރާކޮށްލައިގެން ރާއްޖޭގެ ވެރިކަން ކުރާ ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމް ގެނައުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމާއި ވީމާ ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މިނިޒާމު ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
"އާސްކް ސްޕީކާ" ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުން އިންތިޒާމްކޮށްގެން ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން އެންމެ ރަނގަޅު ވަގުތަކީ 2023 ނުވަތަ އޭގެ ކުރިންތޯ ޖެހޭނީ މަޝްވަރާ ކުރަން ކަމަށެވެ. އަދި އެ ވާހަކަތަކާ ގުޅޭ ގޮތުން ފުރަތަމަ މަޝްވަރާ ކުރައްވާނީ ސިޔާސީ ކަންކަމުގައި އަބަދުވެސް ފުރަތަމަ މަޝްވަރާ ކުރައްވާ ރައީސް ސޯލިހާއެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ ވާހަކަ ދައްކާނަން. ދައްކާފަ އަޅުގަނޑު ދެކޭ ގޮތުގައި ރަނގަޅު ގޮތެއް އަޅުގަނޑުމެންނަށް ނިންމޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގައި އަދި ދުނިޔޭގެ އެހެން ކޮންމެ ގައުމެއްގައި ވެސް ވެރިކަން ކުރަން ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ. އަދި ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ވެސް އެފަދަ ނިޒާމެއް އޮވެގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މިއީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައި ހުރި މީހެއް، އަދި އެކަމު ބޮޑުވަޒީރުކަން ކޮށްފައި ހުރި މީހެއް ނޫން. ދިވެހިރާއްޖޭގައި ގިނައިން ވެރިކަން ކޮށްފައި އޮތީ ބަރުލަމާނީ ނިޒާމަކަށް. މި ފަހުން އައި ވިއްސަކަށް އަހަރު ރިޔާސީ ކަންތައްގަނޑެއް ޖެހިގެން މި އުޅެނީ. އެއީ ވަރަށް ފަހުން އައި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމް ކަނޑައަޅާފައި ވަނީ 2007 ވަނަ އަހަރު ބޭއްވި އިންތިހާބަކުންނެވެ. އެ އަހަރު އޮގަސްޓު 18 ގައި ނެގި ވޯޓުގައި ބައިވެރިވި 149،380 މީހުންގެ ތެރެއިން 62 ޕަސަންޓް ރައްޔިތުން ތާއީދުކޮށްފައި ވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ބާއްވާށެވެ.