ކޮންމެ އަހަރަކު ވެސް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ނޫސްވެރިންނަށް ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމް ދިނުމުގެ ހަފުލާ މިރޭ ބޭއްވުމަށް ނިންމައިފިއެވެ. 

އިނާމް ދިނުމުގެ ހަފުލާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީއެސްއެމްގެ ހޯލްގައެވެ. މި ހަފުލާގައި އޮންލައިންކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގަންނަވާ މެސެޖެއް ދެއްވާނެއެވެ. 

މީޑިއާ ކައުންސިލްގެ އިނާމް ކޮމިޓީގެ މުގައްރިރު އަހުމަދު އަމީން މުހައްމަދު ވިދާޅުވި ގޮތުގައި ހަފުލާ ކުރިއަށް ގެންދަނީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ގައިޑްލައިންއާ އެއްގޮތަށެވެ. އެގޮތުން ހާޒިރީންގެ އަދަދު ވަނީ މަދުކޮށްފައެވެ. ކުރިން މި ހަފުލާއަށް ހުރިހާ ނޫސްވެރިންނަށް ދައުވަތުދެއެވެ. ނަމަވެސް މިފަހަރު ދައުވަތު ދީފައިވަނީ އެވޯޑްތަކަށް ނޮމިނޭޓްވި ނޫސްވެރިންނަށް އެކަންޏެވެ. 

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުން ލިބިފައިވެއެވެ. އެއީ އޮންލައިން އަދި ޓީވީ ދާއިރާ އެއްކޮށްލައިގެންނެވެ. މީގެ ތެރެއިން ވާދަވެރިކަން ބޮޑީ އޮންލައިން ކެޓެގަރީގައެވެ.  ޕްރިންޓް/އޮންލައިން ކެޓެގަރީ އަދި ބްރޯޑްކާސްޓިންގ ކެޓެގަރީ ވަކިން އިނާމު ދިނުމަށް ހަމަޖެހިފައިވާ އިރު، ދެ ކެޓެގަރީއިން ވެސް އެންމެ ގިނަ ހުށަހެޅުން ލިބިފައިވަނީ ފީޗަރ/ރިޕޯޓް ކެޓެގަރީއަށެވެ. އެގޮތުން، ޕްރިންޓް/އޮންލައިން ކެޓެގަރީއިން މި ދާއިރާއަށް 24 ހުށަހެޅުން ލިބިފައިވާއިރު، ބްރޯޑްކާސްޓިންގ ކެޓެގަރީއިން ފަސް ހުށަހެޅުން ލިބިފައިވެއެވެ.

ނޫސްވެރިކަމުގެ އިނާމުގެ އެންމެ ފަހުރުވެރި އެއް އިނާމު ކަމުގައިވާ، އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ލިބިފައިވަނީ ފަސް ހުށަހެޅުމެވެ. 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް މިފަހަރު އާ ދެ ކެޓެގަރީއެއް ވަނީ ތައާރަފް ކޮށްފައެވެ. އެއީ ތަހްގީގީ ނޫސްވެރިކަމުގެ ދާއިރާ (އިންވެސްޓިގޭޓިވް ޖަރނަލިޒަމް) އަދި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއެވެ. މި ދެ ދާއިރާއަށްވެސް ޕްރިންޓް/އޮންލައިން ކެޓެގަރީއިން ލިބިފައިވަނީ ދެ ހުށަހެޅުމެވެ. ބްރޯޑްކާސްޓިންގް ކެޓެގަރީއިން ފަހު ދާއިރާއަށް ލިބިފައިވަނީ އެންމެ ހުށަހެޅުމެކެވެ. 

އަމީން ވިދާޅުވި  ގޮތުގައި ޓީވީގެ ކެޓަގަރީގެ ބައެއް ދާއިރާތަކަށް އެވޯޑް ނުދިނުމަށް ވަނީ ނިންމާފައެވެ. އެއީ އެ ދާއިރާތަކަށް އެއްވެސް ނޫސްވެރިޔަކު ކުރިމަތިލާފައިނުވުމާއި މާާކްސް މާ ދަށުން ލިބިފައިވުމެވެ. އެގޮތުން ކެންސަލް ކޮށްފައިވާ ދާއިރާތަކަކީ ބްރޯޑްކާސްޓިން ކެޓެގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއާ އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ސިޔާސީ ދާއިރާގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.