ސައުތު ކޮރެއާގައި އަނެއްކާވެސް ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެ، އެ ގައުމުގެ ސިއްހީ މަސައްކަތްތެރިންނަށް ބުރަ ބޮޑުވެދާނެކަމުގެ ބިރު ހީވުމުގެ ސަބަބުން ފްރަންޓްލައިންގައި މަސައްކަތްކުރުމަށް އެ ގައުމުގެ ސިފައިން ނެރެން ސައުތު ކޮރެއާގެ ރައީސް ނިންމަވައިފިއެވެ.

ސައުތު ކޮރެއާގެ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، އެ ގައުމުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ހުއްޓުވުމަށްޓަކައި ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ. މިގޮތުން، ޓެސްޓް ކުރުމުގައި އެހީތެރިވުމަށް ސިފައިންނާއި ސިވިލް ސަރވިސްގެ މުވައްޒިފުން ނެރުމަށް ރައީސް ވަނީ އަންގަވާފައެވެ.

އެ ގައުމުގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާކަން "ކޮރެއާ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އޭޖެންސީ"އިން ވެސް ވަނީ ހާމަކޮށްފައެވެ. އެގޮތުން، އެ އޭޖެންސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުވާލަކު 100 މީހުންނަށްވުރެ ގިނައިން ޕޮޒިޓިވްވާތާ މިހާރު ގާތްގަނޑަކަށް މަހެއް ވެއްޖެއެވެ. އާދީއްތަ ދުވަހު އެކަނިވެސް 615 މީހުން ޕޮޒިޓިވްވެފައިވާއިރު، މިހާރު ޖުމްލަ 8،311 މީހުން ކަރަންޓީނުގައި އެބަތިއްބެވެ.

މިކަން ހުއްޓުވުމަށްޓަކައި ޓެސްޓް ކުރާ މަރުކަޒުތައް ގިނަ އިރު މަސައްކަތްކުރުމަށާއި ގިނަ "ޑްރައިވް-ތުރޫ" ޓެސްޓިންގ ފެސިލިޓީތައް ގާއިމްކުރުމަށްވެސް އެ ގައުމުގެ ރައީސްވަނީ ނިންމަވާފައެވެ. ސައުތު ކޮރެއާއަކީ ކޮވިޑް-19 ހުއްޓުވުމަށްޓަކައި އެންމެ ރަނގަޅު ފިޔަވަޅު އެޅި އެއް ގައުމްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިންވަނީ ކުރިން އިއުލާންކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.