އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. އެ ޖަލު ހުކުމް އިއްވާފައިވަނީ ހިޔާނާތުގެ 11 މައްސަލައެއް ޒިޔަތުގެ މައްޗަށް ސާބިތުވުމުންނެވެ. 

ޒިޔަތު ވަނީ ހިޔާނާތުގެ 32 ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންވެ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންގޮސް ހުކުމް އިއްވުމުގެ ޝަރީއަތް މިއަދު ހެނދުނުން ފެށިގެން ދަނީ ކުރިއަށެވެ. ޖުމްލަ 32 ދައުވާއެއްގެ ހުކުމް ވަނީ އިއްވާފައިވާއިރު އެ ހުރިހާ ދައުވާއެއްވެސް ޒިޔަތުގެ މައްޗަށް ސާބިތުވެއެވެ. 

ނަމަވެސް އޭގެ ތެރެއިން އަދަބު ކަނޑައެޅީ 12 މައްސަލައެއްގައެވެ. ބާކީ ހުރި ދައުވާތަކުގައި އަދަބު ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ނެރެފައެވެ. 

ކޮންމެ ދައުވާއެއްގައި ވަކިން ހުކުމް އިއްވިއިރު އަދަބު ކަނޑައެޅުމުގައި ޒިޔަތު ކޮށްފައިވާ ކުށަށް އޮންނަ އަސާސީ އަދަބު، އޭނާގެ އިއުތިރާފަށް ބަލައި، ދަށް ކުރުމަށްފަހު ދަރަޖަ މަތިކޮށްފައިވެއެވެ. އެއީ އޭނާ ކުށް ތަކުރާރުކޮށްފައިވާތީ އާއި ދައުލަތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުންނެވެ. ނަމަވެސް ޒިޔަތުގެ މައްޗަށް ކުށެއްގައި ގިނަ އަދަބު ދޭން ޖެހޭނީ ގާނޫނުލްއުގޫބާތުގައިވާ ގޮތަށް އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ކަނޑައަޅާފައެވެ. 

އެގޮތުން ބައެެއް ދައުވާތަކަށް ޒިޔަތުގެ މައްޗަށް ހަތަރު ދުވަސް އަދި އެއް ދުވަހުގެ ޖަލު ހުކުމް ވެސް އައިސްފައިވެއެވެ. ބާރަ ވަނަ ދައުވާއަށް އެއް ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާތީ ދެން ބާކީ އޮތް 20 ދައުވާއަށް އަދަބު ކަނޑަނޭޅީއެވެ. އެއީ އަދަބުގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރަކީ އެއް ދުވަސް ކަމުގައިވާތީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.