ނެވެމްބަރު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ރޯވި "ރާސްތާ" ދޯނިން ފިހުނު ދެވަނަ މީހަކު މަރުވެއްޖެއެވެ.
ރާސްތާ ދޯނީގައި ރޯވި އިރު އެ ދޯނި އޮތީ ގދ. ތިނަދޫ ފަޅުތެރޭގައެވެ. އެ ދޯނީގައި އަލިފާން ރޯވެފައި ވަނީ އެރޭ ދަންވަރު 12:30 ހާއިރުއެވެ. މި ހާދިސާގައި ހަތަރު ދިވެހިންނަށް އަނިޔާވެފައިވެއެވެ.
ގޭސް ލީކުވުމުގެ ސަބަބުން ހިނގި މި ހާދިސާގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދީފައިވަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ. މަރުވެފައިވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް އަށް ގެނައި މީހެކެވެ.
ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާގެ ހަށިގަނޑުވަނީ 50 އިންސައްތަ ފިހިފައެވެ. މަރުވެފައިވަނީ ދިވެހި ފިރިހެނެކެވެ. މި ހާދިސާގައި ފިހުނު މީހަކު މިދިޔަ އަންގާރަ ދުވަހުވެސް މަރުވެފައިވެއެވެ.