”އަމާން މުޖުތަމައަކަށް އާއިލީ ގުޅުން” ގެ ނަމުގައި އާއިލީ ގުޅުން ވަރުގަދަކުރުމަށް ހިއްވަރުދިނުމުގެ ގޮތުން ތ.މަޑިފުށީ ޕޮލިސް ސްޓޭޝަން އިސްނަގައިގެން އެ ރަށުގައި ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ ޕްރޮގްރާމަކީ އާއިލާތަކުގެ މެދުގައި އޮންނަ ގުޅުން ހަރުދަނާކުރުމާއި އެކުވެރިކަމާއެކު އަމާން މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން، އެ ރަށު ފުލުހުންވަނީ ރައްޔިތުންނާއި ބައްދަލުކޮށް އާއިލާތެރޭގައި ދިމާވާ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުމުގެ އާދަ ގެންގުޅުމަށާއި، އާއިލާތެރޭގައި ސުލްހަވެރިކަމާއެކު ކަންކަން ކުރުމަށް އިރުޝާދުދީ ނަސޭހަތްތެރިވެފައިވެއެވެ.
މީގެއިތުރުން، އެންމެންނަކީވެސް އެމީހެއްގެ އާއިލާތެރޭގައި ލޯތްބާއި އަޅާލުން ލިބޭ މީހަކަށް ހެދުމާއި ގަދަރުވެރި ދިރިއުޅުމެއް އުޅެވޭނެ މީހަކަށްވުމަށް ބޭނުންވާ މުހިންމު ބައެއް މައުލޫމާތު ފުލުހުންވަނީ ހިއްސާކޮށްފައެވެ. މިގޮތުން، ކަންތައްތަކާއި މެދު ދެކޭގޮތާއި އަމަލުތައް ބަހައްޓާ ގޮތަކީ މުޖުތަމައެއް ބިނާކުރުމަށް މުހިންމު ކަމެއް ކަން ވަނީ ކިޔައިދީފައެވެ.
މުޖުތަމައުގައި ދިމާވެފައިވާ މައްސަލަ ތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ދޭތެރެދޭތެރެއިން މިފަދަ ޕްރޮގްރާމްތައް ފުލުހުން ކުރިއަށް ގެންދެއެވެ. އެގޮތުން މި މަހުގެ 3 ވަނަ ދުވަހު "ވެށީގެ އަމާންކަން – ފަރުދީ ޒިންމާ" މި ނަމުގައި ތ.ވިލިފުށީގައިވެސް ޕްރޮގްރާމެއް ވަނީ ހިންގާފައެވެ.