ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮންމެ 11 ދިވެހިންގެ ތެރެއިން އެއް ދިވެއްސަކަށް ކޮވިޑް-19 ޖެހިފައިވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން ކުރިއަށްގެންދިޔަ ސީރޯ ޕްރިވަލެންސް ސަރވޭއިން ހާމަވެއްޖެއެވެ.

ރޭ މި ސަރވޭގެ ހޯދުންތައް އާންމުންނާ ހިއްސާކުރަމުން ގައުމީ ޔުނިވާސިޓީގެ ޑިރެކްޓަރު އޮފް ރިސާޗް ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ، ސަރވޭގައި ބައިވެރިވި މީހުންގެ ތެރެއިން 13.4 ޕަސެންޓް މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށެވެ. މާލެ ސަރަހައްދުގައި ދެލައްކަ އައްހާސް މީހުން ދިރިއުޅޭ އިރު ސަރވޭގެ ނަތީޖާތައް ދައްކާގޮތުން 38،000 މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. 

މީގެއިތުރުންވެސް، ޑރ. ރަހީމާ ވިދާޅުވީ ދިވެހިންނަށްވުރެ ބިދޭސީންގެ ހަށިގަނޑުން އެންޓި ބޮޑީސް ފެންނަ މިންވަރު އިތުރު ކަމަށެވެ. އެގޮތުން، ޓެސްޓް ކުރި ބިދޭސީންގެ ތެރެއިން 36.4 ޕަސެންޓް ބިދޭސީންގެ ހަށިގަނޑުން އެންޓި ބޮޑީސް ފެނިފައިވެއެވެ. އެހެންކަމުން ކޮންމެ 3 ބިދޭސީއަކުން އެކަކަށް ބަލި ޖެހި ރަނގަޅު ވެފައިވާކަމަށް ޑރ.ރަހީމާ ވަނީ ވިދާޅުވެފައެވެ. ދިވެހިންގެ ހަށިގނޑުގައި އެންޓި ބޮޑީސް ހުރީ އެންމެ 8.5 ޕަސެންޓް މީހުންގެއެވެ. މިއީ ކޮންމެ 11 މީހަކުން އެކަކެވެ.

އެމް.އެން.ޔޫއާއި އެޗްޕީއޭ ގުޅިގެން ހިންގި މި ދިރާސާގައި ކުރިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނާއި ބަލި ޖެހުނު ކަން ނޭނގޭ ނުވަތަ ބަލި ނުޖެހޭ މީހުންގެ ހަށިގަނޑުގައި އެންޓި ބޮޑީޒް ހުރި މިންވަރުވެސް ބަލައިފައިވެއެވެ. އެގޮތުން ކުރިން ބަލި ޖެހުނު ކަން އެނގުނު މީހުންގެ ތެރެއިން އެންޓި ބޮޑީޒް ފެނިފައިވަނީ 57.9 ޕަސެންޓް މީހުންގެއެވެ. ބަލި ޖެހުނު ކަން ނޭނގޭ 10 ޕަސެންޓް މީހުންގެ ގައިން އެންޓި ބޮޑީޒް ފެނިފައިވެއެވެ.

މި ނަތީޖާތައް އިތުރަށް ތަފްސީލު ކޮށްދެއްވަމުން ޑރ.ރަހީމާ ވިދާޅުވީ އެންޓި ބޮޑީޒް ހަށިގަނޑުގައި ހުންނަނީ ވަކި މުއްދަތަކަށް ކަމަށާއި ބޭރު ގައުމްތަކުގެ ދިރާސާތަކުން ދައްކާ ގޮތުން އެންޓި ބޮޑީޒް ހުންނަނީ އެންމެ 3 މަސް ވަންދެން ކަމަށެވެ. ކަނޑައެޅިގެން ވަކި މުއްދަތަކަށް އެންޓި ބޮޑީޒް ހުންނާނޭ ދަންނަވަން ދަތިކަމަށްވެސް ޑރ.ރަހީމާ ވިދާޅުވިއެވެ. އެހެންނަމަވެސް ދުވަސްވާވަރަކަށް އެންޓި ބޮޑީޒް މަދުވަމުންދާކަން ދިރާސާއިން ދައްކާކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.