ރާއްޖޭގައި ގިނަ އަދަދަކަށް ހުނަރުވެރި ކުޅުންތެރިންނާއި އެތުލީޓުން އެބަތިބި ކަމަށާއި އެހެންނަމަވެސް، ހަގީގީ ކާމިޔާބާއި ހަމައަށް ނުދެވެނީސް ކުޅިވަރުގެ މައިދާން ދޫކޮށްލަނީ ހުނަރުތައް ތަރައްގީކުރާނެ ރަނގަޅު ޕްލޭނެއް ނެތުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ނޭޝަނަލް މާޝަލް އާރޓްސް ސެންޓަރ އާއި ހުޅުމާލޭ ޓީޓީ ހޯލް ހުޅުވުމަށް މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ ރޮނގުން ގިނަ ބޭފުޅުންގެ އުންމީދުތައް ހުރީ ވަރަށް އުހުގައިކަމަށެވެ. ރަންވަނަތައް ބޭނުންވާ ކަމަށާއި އެކަމަކު ވަސީލަތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެވޭކަމަށެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ކުޅިވަރުގެ ވަސީލަތްތައް ގާއިމްކޮށްދީ ތަރައްގީކުރުން ކަމަށެވެ. އަދި ދިވެހިރާއްޖެއިންނާއި ބޭރު ގައުމްތަކުން ތަމްރީން ކުރުމުގެ ފުރުސަތު ހޯދައިދިނުމަށްވެސް ސަމާލުކަން ދޭކަމަށް ވިދާޅުވިއެވެ.
އެގޮތުން، މިހާރުވެސް ގިނަ ވަސީލަތްތައް މި ސަރުކާރުން ފޯރުކޮށްދީފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިތުރު ވަސީލަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާކަމަށް ވިދާޅުވިއެވެ. އެގޮތުން، މާޝަލް އާރޓްސް އަދި ޓީޓީ ހޯލެއް ހުޅުމާލޭގައި ހުޅުވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި، މާޝަލް އާރޓްސް އެސޯސިއޭޝަނެއް ވަރަށް އަވަހަށް ގާއިމްވެގެންދާނެކަން ފާހަގަކުރައްވަމުން، އެސޯސިއޭޝަން ގާއިމްވުމަށް ފަހު ބައިނަލްއަގްވާމީ މުބާރާތްތަކުގައިވެސް ބައިވެރިވެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
ޓީޓީ އިންވެސް ދިވެހިރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އައު ޓީޓީ ހޯލްގެ ސަބަބުން އެ ކުޅިވަރު އިތުރަށް ކުރިއަރައި މޮޅު އެތުލީޓުން އުފެދޭނެކަމަށް އުންމީދުކުރައްވާކަމަށެވެ. މީގެއިތުރުން، އުންމީދަކީ އަންނަ އަހަރު ބައިނަލްއަގްވާމީ ޓީޓީ މުބާރާތެއް ރާއްޖޭގައި ބޭއްވުންކަމަށް ރައީސް ވިދާޅުވިއެވެ. މިކަން ކާމިޔާބުކުރުމަށް މިނިސްޓަރ މަހްލޫފްދަނީ މިހާރު މަސައްކަތް ކުރައްވަމުންނެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ކުޅިވަރުގެ ފުރުސަތު ފަހިކޮށްދީ ސިޔާސީ ނުފޫޒުން ކުޅިވަރު މިނިވަންކުރާ ވަރަކަށް ރަން މެޑަލްތައް ގެންނަ މިންވަރު އިތުރުވެގެންދާނެއެވެ. ރަންމެޑަލަށް އުންމީދު ކުރަންވާނީވެސް ރަނގަޅު ވަސީލަތްތައް ގާއިމް ކޮށްދީ ކުޅުންތެރިން އުފައްދައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ތަރައްގީކުރާ ފެސިލިޓީސްތަކުގެ ބޭނުން އެތުލީޓުން ހިފުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.
މިއަދު ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސްގެ އިތުރުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް، އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފް އަދި ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.