އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި ދިވެހިރާއްޖެއަށް އެތެރެކުރި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބްރެޒިލްއަށް ނިސްބަތްވާ 21 އަހަރުގެ ރައްޔިތެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އެތެރެހަށީގައި ރައްކާކޮށްގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކު ކުރެވިގެން ކަސްޓަމްސް އިން އޭނާ ހުއްޓުވައި އެކްސްރޭ ހެދުމުން، އޭނާގެ ހަށިގަނޑުގެ ތެރޭގައި އެއްޗެހި ތަކެއް ހުރިކަމަށް ފާހަގަ ކުރެވުމާއި ގުޅިގެންނެވެ. މިގޮތުން، އޭނާ ފުލުހުންގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމުން ހަށިގަނޑުގައި ފޮރިން ބޮޑީސްތަކެއް ހުރިކަންވަނީ ޔަގީންކުރެވިފައެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރިއިރު ބޮޑުކަމުދިޔަ ތަކެތީގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 66 ބުލެޓް ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަަލް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގުކުރަމުންނެވެ.