އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅުނު މެޗުތަކުން މެންޗެސްޓަރ ޔުނައިޓެޑް އަދި މެންޗެސްޓަރ ސިޓީ ވެސް މޮޅުވިއިރު ލީޑްސް ޔުނައިޓެޑް ބަލިކޮށް ތާވަލުގެ އެއްވަނައަށް ޗެލްސީއިން ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ސިޓީއިން ވަނީ 2-0 އިން ފުލަމް ބަލިކޮށްފައެވެ. މި މެޗުގައި ސިޓީއަށް ލަނޑުތައް ޖަހައިދިނީ ރަހީމް ސްޓާލިން އަދި ކެވިން ޑެބްރައިންއެވެ.
ޔުނައިޓެޑުން ވަނީ ފަހަތުން އަރައި 3-1 އިން ވެސްޓް ހާމް ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު 33 ވަނަ މިނެޓުގައި ތޯމަސް ސޫސެކް ވެސްޓް ހަމްއަށް ޖަހައިދިންއިރު 65 ވަނަ މިނެޓުގައި ޕައުލް ޕޮގްބާ ވަނީ ޔުނައިޓެޑަށް އެއްވަރުކޮށްދީފައެވެ. އޭގެ ތިން މިނެޓު ފަހުން މޭސަން ގްރީންވުޑް ޔުނައިޓެޑަށް ލީޑު ނަގައިދިންއިރު އެޓީމުގެ ތިންވަނަ ލަނޑު 78 ވަނަ މިނެޓުގައި ޖަހައިދިނީ މާކަސް ރަޝްފޯޑްއެވެ.
އަމިއްލަ ދަނޑުގައި ލީޑްސްއާ ދެކޮޅަށް ކުޅުނު މެޗު ޗެލްސީއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލީޑްސްއިންނެވެ. މި ލަނޑު ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ޕެޓްރިކް ބެމްފޯޑްއެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޮލިވިއާ ޖިރޫ ޗެލްސީއަށް އެއްވަރުކޮށްދިންއިރު އެޓީމުން ލީޑު ނެގީ 61 ވަނަ މިނެޓުގައި ކާޓް ޒޫމާ ޖަހައިދިން ލަނޑުންނެވެ. ޗެލްސީގެ ތިންވަނަ ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިނީ ކްރިސްޓިއަން ޕުލިސިޗްއެވެ.
ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި 22 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު އެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން 21 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޓޮޓެންހަމްއެވެ. ތިންވަނަ ލިވަޕޫލްއަށް ލިބޭއިރު ހަތަރުވަނަ ލިބެނީ ޔުނައިޓެޑަށެވެ. އަދި ފަސްވަނަ ލިބެނީ ސިޓީއަށެވެ.