ސްޕެނިޝް ލަލީގާގައި ކުޅުނު މެޗުތައް މެޑްރިޑްގެ ދެ ޓީމު ކަމަށްވާ ރެއާލް އަދި އެޓްލެޓިކޯއިން ކާމިޔާބުކުރިއިރު ބާސެލޯނާ ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.
ރަށުން ބޭރުގައި ރެއާލްއިން ވަނީ 1-0 އިން ސެވިއްޔާ ބަލިކޮށްފައެވެ. މި މެޗުގައި ރެއާލްއިން ޖެހި ހަމައެކަނި ލަނޑަކީ ސެވިއްޔާގެ ޔާސީން ބޮނޫ އަތުން 55 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑެކެވެ.
އެޓްލެޓިކޯ މެޑްރިޑް އިން ވަނީ އަމިއްލަ ދަނޑުގައި 2-0 އިން ރެއާލް ވަލަޑޮލިޑް ބަލިކޮށްފައެވެ. މި މެޗުގައި އެޓީމުން ޖެހި ފުރަތަމަ ލަނޑު 56 ވަނަ މިނެޓުގައި ތޯމަސް ލެމަރ ޖަހައިދިންއިރު އެޓީމުގެ ދެވަނަ ލަނޑު 72 ވަނަ މިނެޓުގައި ޖަހައިދިނީ މާކޯސް ލޮރެންޓޭއެވެ.
ރަށުން ބޭރުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން ބާސާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކާޑިޒްއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަލްވާރޯ ހިމެނޭޒްއެވެ. ޕެޑްރޯ އަލްކަލާ އަތުން 57 ވަނަ މިނެޓުގައި ބައިކޮޅަށް ވަން ލަނޑުން ބާސާއިން އެއްވަރުކުރި ނަމަވެސް 63 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އަލްވާރޯ ނެގްރޭޑޯ ވަނީ އަލުން އަނބުރާ ކާޑިޒްއަށް ލީޑު ނަގައިދީފައެވެ.
މި މެޗުތަކާއެކު ސްޕެނިޝް ލަލީގާގެ އެއްވަނައިގައި 26 ޕޮއިންޓާއެކު އެޓްލެޓިކޯ އޮތްއިރު ދެވަނަ 24 ޕޮއިންޓާއެކު ލިބެނީ ރެއާލް ސޮސިއެޑާޑް އަށެވެ. އަދި ތިންވަނަ 20 ޕޮއިންޓާއެކު ރެއާލް މެޑްރިޑަށް ލިބޭއިރު ބާސާ އޮތީ އެންމެ 14 ޕޮއިންޓާއެކު ތާވަލުގެ 7 ވަނައިގައެވެ.