ވަގަށް ނަގައި ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ރީއެނެކްމެންޓް ވީޑިއޯ އެއް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ބަލަން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.
މަރު ކޮމިޝަނުން މިއަދު ފޭސްބުކްގައި އާއްމު ކުރި ވީޑީއޯގައި ރިލްވާން ގެއްލުނު ދުވަހުގެ ސީސީޓީވީ ފުޓޭޖްގެ އިތުރުން ކުޅެފައިވާ ބައެއް މަންޒަރުތައް ހިމަނާފައިވެއެވެ. 4 މިނެޓުގެ މި ވީޑިއޯގައި ބަޔަކު މީހުން ރާވައިގެން ރިލްވާނަށް ބިރު ދައްކައިގެން ރަހީނުކޮށް ރަތް ކާރަކަށް އަރުވާ މަންޒަރު ހިމަނާފައިވެއެވެ.
ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒްގެ އިންޓަރވިއުއެއްވެސް ހިމަނާފައިވާއިރު، ޝެހެނާޒް އެދުނީ ރިލްވާން އަށް އިންސާފުހޯދަދިނުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަށެވެ. އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ހުރި ނަމަ، އެ މައުލޫމާތު ކޮމިޝަނާއި ހިއްސާކުރުމަށެވެ.
މިއީ މ.ޝައިނިންގ ސްޓަރ، އަހުމަދު ރިޟްވާން ޢަބްދުﷲ ވީނުވީއެއް ނޭނގޭ ގޮތަށް ގެއްލުވާލާފައިވާ މައްސަލާގައި ރިޔާސީ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ރީއެނެކްޓްމެންޓް ވީޑިއޯއެއް https://t.co/Q2L9otBNuv
— Commission on Disappearances and Deaths (@DdcomMdv) July 1, 2021
ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުން ދިޔަ އެޕާޓްމެންޓު ކައިރިން ގަދަކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅީގެ މައުލޫމާތު ހިއްސާކުރުމަށް މަރުކޮމިޝަނުން މި ވީޑީއޯގައި ވެސް އެދިފައިވެއެވެ. އަދި އެ ވަޅިއާ ގުޅޭގޮތުން ނުވަތަ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭވަރުގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ފަސް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވެސް ވަނީ ހުށައަޅާފައެވެ.
މައުލޫމާތު ދޭން ބޭނުންވާ ފަރާތްތަކުން ކޮމިޝަނަށް ހާޒިރުވެ ނުވަތަ ނުވަތަ ކޮމިޝަންގެ ނަންބަރު 7390841 ފޯނަށް ގުޅައިގެން މައުލޫމާތު ހިއްސާކުރެވޭނެ އެވެ.
މަރު ކޮމިޝަނުން ކުރިން ހާމަކޮށްފައިވާ ގޮތުގައި، 8 އޮގަސްޓް 2014 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެއިން ރިލްވާން ވަގަށްނަގައި، ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ޑިންގީއަކަށް އަރުވައިގެން ގޮސް ކަނޑުގައި އޮތް އެހެން އުޅަދަކަށް އެރުވުމަށްފަހު އޭނާ ވަނީ މަރާލާފައެވެ.
މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކީ ރައްޔިތުންނާއި މުޖުތަމައުގެ މަސްލަހަތު އިންތިހާއަށް އޮތް މައްސަލަތަކަށް ވާއިރު، ތަހުގީގުތަކުގެ އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މި ކޮމިޝަނުގެ މަސައްކަތްތައް ލަސް ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއަދު އާއްމު ކުރި މި ވީޑިއޯ އާއި އެކު ވެސް އާއްމުން ދަނީ އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.