ރާއްޖޭގެ ފަތުރުވެރިކަމާ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ޕްރޮމޯޓްކުރުމަށް ފޮރިން މިނިސްޓްރީއާއި، މިނިސްޓްރީގެ ދަށުން ހިންގާ ޑިޕްލޮމެޓިކް މިޝަންތަކުން ނިމިދިޔަ ޖޫން މަހު 3 ވެބިނަރތަކެއް ބާއްވައިފިއެވެ.

މިގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ޖޫން 16 ވަނަ ދުވަހު، ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން، "އިންވެސްޓްމަންޓް އިން މޯލްޑިވްސް" ގެ ނަމުގައެވެ.

މި ވެބިނަރ ބާއްވާފައިވަނީ ޓޫރިޒަމް މިނިސްޓްރީ، އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ، ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރީ، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.

އީޔޫގެޤައުމުތަކަށް ނިސްބަތްވާ އިޤްތިޞާދީ ދާއިރާގެ 90 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ވެބިނަރގައި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ގޮތުންނާއި ކޮވިޑްގެ ސަބަބުން އިގްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ މައުލޫމާތު އެފަރާތްތަކަށް އެރުވިއެވެ.

މި ވެބިނަރގައި ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ވައިސް ޕްރެޒިޑެންޓް ކްރިސްޓިއަން ކެޓެލް ތޮމްސެން ވާހަކަފުޅު ދެއްކެވިއެވެ.

އިންވެސްޓްމަންޓް ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކަށް އަމާޒުކޮށްގެން ބޭއްވި ވެބިނަރއަށްފަހު ޚާރިޖިއްޔާއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް، ކޮވިޑްގެ ޙާލަތަށްފަހު ފަތުރުވެރިކަން ކުރިން އޮތް ހާލަތަށް ރުޖޫއުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަތުރުވެރިކަމާ ބެހޭ 2 ވެބިނަރއެއް ބާއްވާފައެވެ.

މީގެ ތެރެއިން ފުރަތަމަ ވެބިނަރ ބޭއްވީ 22 ޖޫންގައި، ޖަޕާނުގެ ޓޯކިޔޯގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެންނެވެ. މި ވެބިނަރ ބާއްވާފައިވަނީ ފޮރިން މިނިސްޓްރީއާއި، ޓޫރިޒަމް މިނިސްޓްރީ، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ އަދި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެންނެވެ.

ރާއްޖޭގެ ޓޫރިޒަމް އަލުން ފުޅާކޮށް ހުޅުވާލާ، ޓޫރިޒަމް ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މައުލޫމާތު ފޯރުކޮށްދިން މި ވެބިނަރގައި ޖަޕާނުގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ ތެރެއިން 23 ފަރާތަކުން ބައިވެރިވިއެވެ. ރާއްޖެއަށް އަންނަ ޖަޕާނު ފަތުރުވެރިންގެ 80 އިންސައްތަ ފަތުރުވެރިން ގެންނަނީ މި އޮޕަރޭޓަރުންނެވެ. ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތަކުގެ މައުލޫމާތު ދިނުމަށް މިފަދަ ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ޖަޕާންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން އިންތިޒާމްކޮށްގެން ބާއްވާނެއެވެ.

ފަތުރުވެރިކަމާ ގުޅޭ ދެވަނަ ވެބިނަރ ބާއްވާފައިވަނީ ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ނޭޝަނަލް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް ސިންގަޕޯރ (ނާޓާސް) ގުޅިގެން، ޖޫން 30 ގައެވެ. ސިންގަޕޫރުގެ ބޯޑަރު ހުޅުވާލުމަށް އެގައުމުން ތައްޔާރުވަމުން އަންނައިރު، ރާއްޖޭގައި ސިންގަޕޫރު ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވެފައިވާ ތައްޔާރީތަކުގެ މައުލޫމާތު ޓްރެވަލް އެޖެންޓުންނަށް މި ވެބިނަރގައި ވަނީ އަރުވާފައެވެ.

މި ބައްދަލުވުމުގައިވެސް ޓޫރިޒަމް މިނިސްޓްރީ އާއި އެމް.އެމް.ޕީ.އާރް.ސީ ގެ ފަރާތން ބައިވެރިވިއެވެ. ފަތުރުވެރިކަމާ ބެހޭ މި ވެބިނަރތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޖަމްއިއްޔާތަކުން ބައިވެރިވެ، މުހިއްމު މައުލޫމާތުތަކެއް ހިއްސާކޮށްފައިވެއެވެ. ކޮވިޑްގެ ޙާލަތާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ މަސައްކަތްތައް ރީއޮރިއެންޓް ކުރެވި، ދިވެހިރާއްޖެއަށް ވިޔަފާރިއާއި އިންވެސްޓްމަންޓް އަދި އެހީގެ ފުރުސަތު ހޯދުމާ ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކާ ގުޅިގެން ބޭރު ގައުމުތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ބާއްވަމުންދާ ވެބިނަރތައް ކުރިއަށް އޮތްތަނުގައިވެސް ބާއްވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.