ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝަރޫއުގެ މަސައްކަތް ކުރިއަށްދަނީ

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ބޭސިން ފުންކުރުނުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެރަށުގެ ހާބަރ ބޭސިން ފުންކުރުނުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ.

މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 507 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 464 މީޓަރ އެއްގަމުތޮށި ޖެހުމާއި، 2320 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި 12 މޫރިން ބްލޮކްސް ޖެހުމާއި، 39,995 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 4,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 100 މީޓަރ ރިވެޓްމަންޓް ޖެހުމާއި 2 ނެރުބައްތި ޖެހުމުގެ އިތުރުން 24 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.

55,97 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 500 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.