އިންޑިއާގެ ނެޝަނަލް އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖޯޒީ ލައިގެން އިންޑިއާގެ ދުވުންތެރިޔަކު ދުވި ކަމަށް ބުނާ ވާހަކަ ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފާއި، އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދޮގު ކޮށްފިއެވެ.

މި މައްސަލަ އެތްލެޓިކްސް އެސޯސިއޭޝަނުން ދޮގު ކުރީ، އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ކަން ހިނގިގޮތް ސާފުކޮށްފައި ވާއިރު، ބަޔާން ޝެއާ ކުރައްވާ މިނިސްޓަރ މަހްލޫފް ވިދާޅުވީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެގައުމެއްގެ ރަށްވެހިކަން ނެތް ރައްޔިތެއް ފިޔަވައި އެހެން ގައުމެއްގެ ރައްޔިތަކަށް ވާދައެއް ނުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެތްލެޓިކްސް ޓީމުން އުޅެނީ ތަމްރީނެއްގައި ކަމަށާއި އެއީ ބައިނަލްއަގުވާމީ އިދާރާއެއްގެ މުބާރާތެއްނޫން ކަމަށެވެ. އަދި އެ ކުދިންނާއެކީ އެހެން ގައުމުތަކުގެ އެތުލީޓުން ބައިވެރިވެ ތަމްރީންތައް ލިބުމަކީ، ކުރިއަށް ތާވަލް ކޮށްފައިހުރި ގައުމީ ޓީމުން ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކަށް ލިބޭނެ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ އެހެން ދިމާވީވެސް ކުއްޖަކު ޕޮޒިޓިވް ވެގެން ކަމަށެވެ. އަދި ދުވީ ގައުމީ ޓީމުގައި ނޫން ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ދުވުންތެރިން ލައިގެން ތިބީ ގައުމީ ޖަރސީ ނޫންކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ސަސްޕެންޝަންގަ ހުރުމުން ރަސްމީ ހައިސިއްޔަތުން ބުނާ ވާހަކައެއް ނޫން ކަމަށެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ބަޔާނުގައި ވަނީ، އިންޑިއާ އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕާއި، އިންޑިއަން ގްރޭންޑް ޕްރީ 4 ގައި ރާއްޖޭގެ ޖާޒީގައި އިންޑިއާގެ އެތުލީޓަކު ދުވެފައިވާ ކަމަށާއި. ރާއްޖެ ތަމްސީލު ކޮށްފައިވާ ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަ ދޮގު ކޮށްފައެވެ.

އަދި މި މުބާރާތުގައި ވާދަކުރުމަށް ފުރުމުގެ ކުރިން ހަދަންޖެހޭ ކޮވިޑް ޓެސްޓް ނަތީޖާ ލިބުނު އިރު އަންހެން ޓީމްގެ 1 ދުވުންތެރިޔާ ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން، އެ މުބާރާތަށް ދިޔައީ ޖުމްލަ 3 އަންހެން އެތުލީޓުން ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. އަދި ރާއްޖޭގެ އަންހެން ޓީމްގެ އަދަދު 4 އެތުލީޓުންނަށްވުރެ މަދުވުމުން، މި މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމަށް ވާދަކުރުމުގެ ފުރުސަތު ގެއްލި، މި ދެ މުބާރާތުގައި އަންހެން 100މ ރިލޭގައި ރާއްޖެއިން ވާދަކޮށްފައި ނުވާ ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެ ބަޔާނުަގއި ބުނީ، ރާއްޖެގެ އެތުލީޓުން އިންޑިއާއަށް ގޮސް މުބާރާތުގައި ވާދަ ނުކޮށް އަނބުރާ އައުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެވޭތީ، އެ ކުދިންނަށް މުބާރާތުގައި ވާދަ ކޮށްލުމުގެ ފުރުސަތެއް ތަނަވަސްކޮށް ދިނުމަށް އެސޯސިއޭޝަނުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެގޮތުން ކުރެވުނު މަސައްކަތުން ކުދިންނަށް ރިލޭގައި ވާދަ ކުރުމުގެ ފުރުސަތު މުބާރާތް ރާވާ ފަރާތުން ދީފައިވާ ކަމަށް ބަޔާނުގައިި ވެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ، އެ ފުރުސަތަކީ ރާއްޖޭގެ 3 އެތުލީޓުންނަށް ދިން ފުރުސަތެއް ކަމަށާއި އެއްވެސް ހާލެއްގައި ރާއްޖޭގެ ގައުމީ ޓީމަށް ލިބުނު ފުރުސަތެއް ނޫން ކަމަށެވެ. އެގޮތުން އެ 3 އެތުލީޓުންނާއި އިންޑިއާގެ އެތުލީޓަކު ހިމަނައިގެން މުބާރާތުގެ ރިލޭ އިވެންޓުގައި ޓީމެއް ބައިވެރި ކުރުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާފައިވަނީ ތަމްރީނު އަދި ތަޖުރިބާގެ
އިވެންޓެއްގެ ގޮތުގައި ކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ.

އެ އެސޯސިއޭޝަނުން އިތުރަށް ބުނީ ރިލޭ އިވެންޓްގައި ވާދަކުރި ރާއްޖޭގެ 3 އެތުލީޓުންނާއި އިންޑިއާގެ އެތުލީޓް ދުވުނު އިރު ބޭނުންކޮށްފައި ވަނީ ރާއްޖޭގެ ގައުމީ ޓީމްގެ ދުވާ ކިޓުނޫން ކަމަށެވެ. ނަމަވެސް ރިލޭގައި ވާދަކުރާ ހުރިހާ އެތުލީޓުންވެސް ތިބެން ޖެހެނީ އެއްވައްތަރެއްގެ ހެދުމެއްގައި ކަމުން، 4 އެތުލީޓުން ވެސް އިވެންޓްގައި ބޭނުންކޮށްފައި ވަނީ، އެތުލެޓިކްސް ޓްރެއިނިންގގައި ބޭނުންކުރާ ޓީޝާޓް ކަމަށެް އެ ބަޔާނުގައި ވެއެވެ.

ހަމައެއާއެކު، ދެ މުބާރާތުގައި ރާއްޖޭގެ އަންހެން 3 އެތުލީޓާއި އިންޑިއާގެ އެތުލީޓަކު ހިމެނޭގޮތަށް 100މ ރިލޭގައި 3 ފަހަރު ދުވެފައިވާއިރު، މީގެ ތެރެއިން 1 ދުވުމުގައި ރާއްޖޭގެ ގައުމީ ރިކޯޑަށްވުރެ ބާރަށް ދުވެފައިވާ ކަމަށް އެތްލެޓިކްސް އެސޯސިއޭޝަނުން ބުނެއެވެ. ނަމަވެސް މިއީ ރާއްޖޭގެ ގައުމީ ޓީމް ވާދަކޮށްފައިވާ އިވެންޓަކަށް ނުވާތީ، މި ރިކޯޑް އެ އެސޯސިއޭޝަނުން ވެސް އަދި ވާލްޑް އެތުލެޓިކްސް އިން ވެސް ރެޓިފައި ކޮށްފައި ނުވާކަން އެތްލެޓިކްސް އެސޯސިއޭޝަނުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އިންޑިއާ މީހަކު ދިވެހި ޖަރޒީ ލެއްވި މައްސަލައިގައި ތޮލާލަށް ފާޑުކިއުން

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.