ދިރާގުން މިއަހަރުގެ ރޯދަ މަހާއި ފިތްރު އީދަށް ހާއްސަކޮށްގެން ތައާރަފުކުރި ހާއްސަ ޑޭޓާ ބަންޑަލްތަކުގެ 10 އިންސައްތަ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް މިއަދު ހަދިޔާ ކޮށްފިއެވެ.
މި އަހަރުގެ މި ޑޭޓާ ބަންޑަލްތައް ކަސްޓަމަރުން އެކްޓިވޭޓް ކުރައްވައިގެން ލިބުނު ފައިސާގެ 10 އިންސައްތަ އަކީ 313,235 ރުފިޔާ އެވެ. މިއަދު މި ފައިސާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައެވެ.
މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއަރޕަރސަން ޖީހާން ސަލީމް ވިދާޅުވި ގޮތުގައި ދިރާގަކީ ދިވެހި ކުންފުނިތަކުގެ ތެރެއިން އެ ސޮސައިޓީއަށް އެންމެ ކުރިންސުރެ ވެސް އެހީތެރިވަމުންދާ އެއް ކުންފުނި ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރު ތަކުގެތެރޭ ދިރާގުގެ ފަރާތުން އެކި ގޮތްގޮތުން ލިބުނު އެހީތެރިކަމުގެ ސަބަބުން ގިނަ ގުނަ ފައިދާއާއި ކުރިއެރުން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ޕޭޝަންޓުންނާއި ބެލެނިވެރިންގެ ފަރާތުން ދިރާގަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން
ދިރާގުން ވަނީ ފާއިތުވި އަހަރުތަކުގައި ވެސް އެކި ޖަމިއްޔާތަކަށް ދިރާގު ރޯދަ ޑޭޓާ ބަންޑަލްތަކުން ލިބުނު ފައިސާގެ 10 އިންސައްތަ ހަދިޔާ ކޮށްފައިއެވެ. އެގޮތުން ޓައިނީ ހަރޓްސް އޮފް ދަ މޯލްޑިވްސް އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަސަންސް ވިތް ޑިސްއެބިލިޓީސް (އެމްއޭޕީޑީ) ހިމެނެއެވެ.