މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ނިންމާފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސަރަހައްދު ރަނގަޅު ސީސީޓީވީ ނިޒާމަކުން ގުޅާލުމުގެ މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ހަރުކުރުމަށް ވަނީ ނިންމާފައެވެ.
މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު އިއްޔަ ނޫސްވެރިންނާ ބައްދަލުކުރައްވާ ވަނީ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ވިޔާނުދާ އަމަލުތައް ހިންގަމުން އައުމާއި ގުޅިގެން ކަމަށް ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގެ މިސްކިތްތައް ރަގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމް ކުރުމުގެ ގޮތުން އަޅުގަނޑުމެންގެ ސީސީޓީވީ ޕްރޮޖެކްޓުގެ އެންމެ ފުރަތަމަ އަމާޒަކީ މިސްކިތްތައް ކަވަރުކުރުން.
މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން އެކަމަށް ދާނެ ހަރަދާއި އެކަމަށް ކުރަންޖެހޭ ސާވޭތައް ކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
މާލޭގެ މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ނިދުމުގެ އިތުރުން އެއްޗެހި ދޮވެ، މިސްކިތްތައް ބޭނުން ކުރުމާއި، އަދި އެކަށީގެން ނުވާ އެހެނިހެން ބޭނުންތަކުގައި މިސްކިތްތައް ބޭނުންކުރާ ކަމުގެ ޝަކުވާ ފުލުހުންނަށް ތަކުރާރުކޮށް ލިބިމުންދާކަމަށް އެ މުއައްސަސާއިން ވަނީ މީގެ ކުރިން ބުނެފައެވެ.
އެއާއެކު އެފަދަ މައްސަލަތަކުގެ ރިޕޯޓްތައް ލިބެމުން ދާކަން ފާހަގަކޮށް ކޮންމެ ރެއަކު މިސްކިތްތައް ބަލައި، މިސްކިތް އެގޮތަށް ބޭނުންކުރާ ފަރާތްތައް ފޮނުވާލާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.