ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅު ދައުލަތުން ހަމަޖެއްސުމަށް ގާނޫނުތަކަށް ގެނައި އިސްލާހުތައް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ފަނޑިޔާރުންގެ ގާނޫނަށާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނަށް މި އިސްލާހު ހުށައެޅި ސަރުކާރުގެ ފަރާތުންނެވެ. މި ބިލުތައް ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުން އިސްލާހުތައް ފާސްކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މި ދެ ގާނޫނަށް ހުށައެޅި އިސްލާހަކީ ދެ ބާރުގެ ވެރިން ދިރިއުޅުއްވާނެ ރަސްމީ ގެކޮޅާއިބެހޭ މާއްދާއެއް އިތުރުކުރުމެވެ. މި ދެ ގާނޫނަށް އިތުރުކުރަން ހުށައަޅާފައިވާ މާއްދާގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އާއިލާ ދިރިއުޅޭނެ ރަސްމީ ގެއަކާއި، އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި ގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖެއްސުމަށެވެ. އަދި ދައުލަތުން ހަމަޖައްސަދޭ ރަސްމީ ގެއަކީ ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ގެއެއް ކަމަށް ވާންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުތައް ދިރާސާކުރުމަށްފަހު މަޖިލީހުން ފާސްކުރިއިރު ބިލުގައި ވާ ބައެއް އިބާރާތްތަކަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން ބިލުގައި ދައުލަތުން 'ގެއެއް' ހަމަޖައްސާދިނުމަށް އޮތުމުން، އެ ލަފްޒު 'ތަނަކަށް' ވަނީ ބަދަލުކޮށްފައެވެ.

އޭގެއިތުރުން މި އިސްލާހާއި އެކު މިހާރު ގާނޫނުގައި ބުނަނީ ދެ ބާރުގެ ވެރިންނަށް ދައުލަތުން ހަމަޖައްސާދޭ ތަނުގައި ސެކިއުރިޓީ ބަލަހައްޓާނީ ޤައުމީ ދިފާއީ ހިދުމަތުން ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅަށް ބޭނުންވާނެ ރަސްމީ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް ރަސްމީ މުވައްޒަފުން ހަމަޖައްސާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅެއް ހަމަޖައްސާދިނުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ މެއި މަހުގެ 6 ވަނަ ދުވަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަށްކޮށްލުމަށް ޓެރަރިސްޓު ހަމަލާއެއް ދިނުމާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.