ލ. ގަމުގައި ގާއިމްކޮށްފައިވާ ޒޯން ސްޓޭޑިއަމްގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ތަރައްގީކުރި ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުވައިފިއެވެ.
މިއަދު ހަވީރު ގަމު ޒޯން ސްޓޭޑިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. އެމަނިކުފާނާއެކު ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް އާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމްގެ އިތުރުން ދައުލަތުގެ އެހެން ވަޒީރުންނާއި ކުންފުނިތަކުގެ އިސްވެރިންނާއި ރަށު ކައުންސިލާއި އަތޮޅު ކައުންސިލް މެމްބަރުންގެ އިތުރުން ގަމުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.
މި ރަސްމިއްޔާތު ބޭއްވި ގަމު ޒޯން ސްޓޭޑިއަމްގެ ފުޓުބޯޅަ ދަނޑާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިއީ ފީފާގެ މިންގަނޑުތަކަށް ފެތޭގޮތަށް ބިނާކޮށްފައިވާ ދަނޑެއްކަން ފާހަގަކުރައްވާ، ކުޅިވަރު މުބާރާތްތައް ރާވައި ހިންގާއިރު، ލާމަރުކަޒުކުރުމުގެ ސިޔާސަތުތަކުގެ ދަށުން ބިނާކުރެވޭ މިފަދަ ދަނޑުތަކާއި އެހެނިހެން ޚިދުމަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެދިވަޑައިގަންނަވާފައެވެ.
މީގެކުރިން ވީރާނާވުމަށް ދޫކޮށްލެވިފައި އޮތް ދަނޑު ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވުމާއެކު މި ދަނޑު ތަރައްގީކޮށްފައިވަނީ ފީފާ ގަބޫލުކުރާ ފެންވަރަށެވެ. މި ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރ މަހްލޫފް ވަނީ ދަނޑުގެ ވަށާ ފާރު ރާނައި، ރޮސްޓްރޮމް ނިންމުމަށްފަހު އޭއެފްސީ ކަޕްގެ މެޗުތައް އެ ދަނޑުގައި ކުޅެވިގެންދާނެ ކަމަށް ވިދާޅުވެފައެވެ. ހަމައެހެންމެ މި ދަނޑާއެކު ގަމުގެ ވެސް ޒުވާން ކުޅުންތެރިން އުފެދިގެން ގައުމީ ފެންވަރުގެ ކުޅުންތެރިންނަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
މި ދަނޑުގެ ސަބް ބޭސްގެ މަސައްކަތް އެމްޓީސީސީގެ ފަރާތުން ކުރިއިރު ޓާރފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.