ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިތުރަށް 'ވިކްޓިމައިޒް' ވާ ގޮތަށް ބައެއް މެމްބަރުން ވާހަކަދައްކަވާތީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)، އެކަމުގެ ކަންބޮޑުވުން މިއަދު ފާޅުކުރައްވައިފިއެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުން އިންތި ވިދާޅުވީ މިވަގުތަކީ މަޖިލީހުގެ މެމްބަރުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ވަގުތެއް ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށް އެވަރުގެ ބޮޑު ހަމަލާއެއް ދިނުމުން އޭގެން އެނގިގެންދަނީ އެއްވެސް ރައްޔިތަކަށް ރައްކާތެރިކަމެއް ނެތް ކަން ކަމަށެވެ. އަދި އެ ހަމަލާއަކީ ކޮންމެ ދިވެހި ރައްޔިތަކަށް ދިން ހަމަލާއެއް ކަމަށް ވާތީ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު އެއްވެސް ފަސްޖެހުމެއްނެތި ކުރިއަށް ގެންދަން ޖެހޭ ކަން ފާހަގަކުރައްވާ އިންތި ވަނީ ރައީސް ނަޝިދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާހޯއްދަވަމުންދާ މި ދަނޑިވަޅުގައި ވެސް ބައެއް ފަރާތްތަކުން އެމަނިކުފާނު އިތުރަށް 'ވިކްޓިމައިޒް' ވާގޮތަށް ވާހަކަދައްކަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ބައެއް މީޑިއާތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ރައީސް ނަޝީދު ދައްކަވާ ވާހަކަފުޅުގެ މާނަ އޮޅޭ ގޮތަށް ވާހަކަދައްކަވާ ކަމުގެ ތުހުމަތު ކުރެއްވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅުގައިވާ އެންމެ ފާރުގަނޑެއްވެސް އަރާފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިތަނުގައި ހުންނެވިހެން އަޅުގަނޑަކަށް ހިޔެއް ނުވޭ. އެންމެ ތޮށުމެއް ތޮށިފައިވާ ބޭފުޅަކު އިންނެވިހެން ވެސް ހިއެއް ނުވޭ. އެހެންނަމަވެސް އެމަނިކުފާނަށް އަމާޒުކޮށް އަދިވެސް ވިކްޓިމައިޒްކޮށް އަދިވެސް އެމަނިކުފާނު ވިދާޅުވާ ބަސްފުޅެއްގެ މާނަ ޓުވިސްޓު ކުރެވެން އޮތް ގޮތަކަށް ޓުވިސްޓުކޮށްލައިގެން، އޮޅުވާލެވެން އޮތް ގޮތަކަށް އޮޅުވާލައިގެން އެކަން ކުރާތަން އެބަ ފާހަގަކުރެވޭ.

މީގެއިތުރުން އިންތި ވަނީ ޖެހިގެން ހުންނަ މީހާ މަރާލަން ފަސްނުޖެހޭނެ އެތައް ހާސް ބައެއް ރާއްޖޭގައި ތިބިކަން ފުލުހުން ހާމަކޮށްފައިވާކަން ފާހަގަކުރައްވާ އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވާފައެވެ. އަދި އެމީހުންނާއި މެދު ގާނޫނުން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެ އިންތި ވަނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނު އިސްލާހު ކޮށްގެން ނަމަވެސް އެކަމަށް ހައްލު ހޯދަން ޖެހޭ ކަން ފާހަގަކުރައްވާފައެވެ.

| ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކަށް ބަލާއިރު ޓެރަރިޒަމްގެ ބޮޑެތި ކުށްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތައް 48 ގަޑިއިރަށް ބަންދުގައި ބެހެއްޓުމުގެ ބާރު ދިނުމަށް ހުށައަޅާފައިވެއެވެ. އަދި  ކޯޓު އަމުރަކާ ނުލައި ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިދޭ ފަރާތެއް އަމިއްލަ ތަނެއްގައިވާ ހާލަތުގައި އެތަނަކަށް ވަދެ، އެތަން ބަލައި ފާސްކުރުމުގެ ބާރާއި އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތްތައް ވެސް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. މުޅިގައުމުގެ އިޖުތިމާޢީ ފޭރާން ވީދާ ކުދިކުދި ކުރީ ބަޔަކު އަމިއްލަ އެދުމެއް ހާސިލުކުރަން. އެކަމުގެ ހިތި އަސަރު ޖީލުތަކަކަށް ދެމިގެންދާނެ. ގާނޫނު އިސްލާހް ކޮށްގެން އެކަނި ތިކަމަށް ހައްލެއް ނުލިބޭނެ. ސިޔާސީ މީހުން މުޅި ގައުމު ހަލާކު ކޮށްފި.

ކޮމެންޓް

Your email address will not be published.