ކުޅިވަރު ކުޅެން ޖެހޭނީ ހަމައެކަނި މާލެއަކު ނޫން ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. މަހްލޫފް މިހެން ވިދާޅުވީ ލ. ގަމުގެ ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑު ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ރަށްރަށުގައި ފުޓްބޯޅަ ދަނޑާއި ފުޓްސަލް ދަނޑުތައް ގާއިމްކުރުމުން ފާޑުކިޔުންތައް އަމާޒުވާ ކަމަށެވެ. އެހެން ނަމަވެސް ބޯޅަ ކުޅެން ޖެހޭނީ ހަމައެކަނި މާލޭގައި ނޫން ކަމަށާއި ކުރިން އެކަން އޮތީ އެހެން ކަމަށް މަހްލޫފް ވިދާޅުވިއެވެ. އަދި މި ސަރުކާރުން މިހާރު ދަނީ އެކަން ބަދަލުކުރަމުން ކަމަށް ވިދާޅުވެ މަހްލޫފް ވަނީ އޭއެފްސީ ކަޕްގެ މެޗުތައް ގަމުގެ ޒޯން ސްޓޭޑިއަމް ކުޅެވިގެންދާނެ ކަމުގެ އުފާވެރި ޚަބަރު ގަމުގެ ރައްޔިތުންނަށް ދެއްވާފައެވެ. ހުރިހާ ކަމެއް ކުރިން އޮތީ މާލޭގައި ކަމަށާއި އެހެން ނަމަވެސް ކުޅިވަރުގައި ހުރި ތަފާތުތައް ވެސް ނައްތާލެވިފައިވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. 

މަހްލޫފް ވިދާޅުވީ ރާއްޖޭގައި ތާރީހުގައި ވެސް ކުޅިވަރަށް ނުކުރާ ވަރަށް ޚަރަދުކޮށް ރަނގަޅު ތަފާތު ނަތީޖާތަކެއް ރައީސް ސޯލިހުގެ ޒައާމަތުގައި ހޯދާފައިވާ ކަމަށެވެ. އަދި ހަމައެކަނި އަޅަނީ ފުޓްބޯޅަ ދަނޑު ނޫން ކަމަށް ވިދާޅުވެ މަހްލޫފް ވަނީ އެހެން ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. 

ގަމު ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑަކީ ފީފާ ސްޓޭންޑާޑަށް ތަރައްގީކޮށްފައިވާ ދަނޑެއް ކަމަށްވާއިރު މި ދަނޑު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއެވެ. މި ދަނޑުގެ ސަބް ބޭސް މަސައްކަތް އެމްޓީސީސީއިން ކޮށްފައިވާއިރު ޓާރފް އެޅުމުގެ މަސައްކަތް ކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. މިހާރު ވެސް ރާއްޖޭގެ 39 ރަށެއްގައި ފުޓްބޯޅަ ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ޔޫތު މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.