ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ ޕަބްލިކް ހެލްތު ސިސްޓަމް ވަރުގަދަކުރުން ކަމަށް މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ. މިނިސްޓަރ ނަސީމް މިހެން ވިދާޅުވީ ލ.ގަމުގައި ހިންގުނު ތިން ޕްރޮޖެކްޓެއް އިފްތިތާހު ކުރުމަށް ގަމުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިގޮތުން، މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ރަނގަޅުކުރެވޭނީ ޕަބްލިކް ހެލްތު ސިސްޓަމް ވަރުގަދަކޮށްގެންކަން މިނިސްޓަރ ނަސީމް ފާހަގަކުރެއްވިއެވެ. މިކަމަށް ހާއްސަކޮށްގެން މިހާރު ރިޕޯޓެއް ތައްޔާރުކުރެވިފައިވާކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ، މިހާރު އެ ރިޕޯޓުވަނީ ރައީސްއަށް އެރުވިފައިކަމަށެވެ. އެ ރިޕޯޓުގަ ދުރު އަދި މެދު ރާސްތާ ޕްލޭނެއް ހިމެނެއެވެ. މި ޕްލޭން ކެބިނެޓުން ފާސްކޮށް އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާ ވެގެންދާނެކަން ނަސީމް ފާހަގަކުރެއްްވިއެވެ. 

މީގެއިތުރުންވެސް، ލ.ގަމުގައި އަލަށް ފެށުނު ސީޓީ ސްކޭންގެ ހިދުމަތަކީ ލާމަރުކަޒީ ސިއްހީ ނިޒާމެއް ބިނާކުރުމަށް މުހިންމު ހިިދުމަތެއްކަން ފާހަގަކުރައްވަމުން ނަސީމް ވިދާޅުވީ މާލެ ފިޔަވައި މިހާރު މި ހިދުމަތް ލިބެނީ އެންމެ ތިން ހޮސްޕިޓަލުގައި ކަމަށެވެ. އެގޮތުން، ގަމުގައި ބެހެއްޓުނު ސީޓީ ސްކޭންއަކީ އައިޖީއެމްއެޗްގައި ބޭނުންކުރެވޭ ސީޓީ ސްކޭންއާ އެއް ފެންވަރުގެ ސީޓީ ސްކޭނިންގ މެޝިނެއްކަމަށް ނަސީމް ވިދާޅުވިއެވެ. 

ސީޓީ ސްކޭންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ މުވައްޒިފުން މިހާރުވެސް ގަމު ހޮސްޕިޓަލުގައި އެބަތިއްބެވެ. އެހެންކަމުން، މި ހިދުމަތް ވަރަށް އަވަސް ފުރުސަތެއްގެ ތެރޭގައި ލިބިގެންދާނެކަމަށް ނަސީމް ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ފ، ދ، ތ، އަދި މ އަތޮޅުގެ ރައްޔިތުންނަށްވެސް ފައިދާވާނެކަން ނަސީމް ފާހަގަކުރެއްވިއެވެ. 

ސީޓީ ސްކޭންގެ ހިދުމަތް ގަމުގައި ދޭން ފެށުމުން މި ސަރަހައްދުގެ ރައްޔިތުން މާލެއަށް ބަރޯސާވުން ކުޑަކުރެވޭނެއެވެ. މީގެ ސަބަބުން އާސަންދަ ބަޖެޓަށް ލުއިވެ ފުރާނަ ސަލާމަތްކުރުމަށްވެސް ވަރަށްބޮޑު އެހީއަކަށް ވާނެއެވެ.

ގަމު ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އަދި ގަން ރީޖަނަލް ހޮސްޕިޓަލް ތަރައްގީކޮށް ޓަރޝިއަރީ ހޮސްޕިޓަލެއްގެ ފެންވަރަށް ގެނައުމަކީ ލާމަރުކަޒީ ސިއްހީ ނިޒާމެއް ގާއިމްކުރުމަށް މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން ބައެކެވެ. މިގޮތުން މިއަހަރުގެ މެދު ތެރޭގައި، ހޮސްޕިޓަލަށް ބޭނުންވާ ޑިޖިޓަލް އެކްސްރޭ އާއި ކަށީގެ ފަރުވާ އާއި ލޮލުގެ ފަރުވާއަށް ބޭނުންވާ ވަސީލަތްތައް ވަނީ ފޮނުވާފައެވެ. އަދި ކުޑަކުދިންނަށް ހާއްސަ ވެންޓިލޭޓަރެއްވެސް ފޮނުވާފައިވެއެވެ.

މިހާރުވެސް 11 ދާއިރާއެއްގެ ހާއްސަ ޑޮކްޓަރުން ގަމު ހޮސްޕިޓަލުގައި ތިބެއެވެ. އެހެންނަމަވެސް، ގަން ރީޖަނަލް ހޮސްޕިޓަލަކީ ގިނަ ބަޔަކު ދައްކަން އަންނަ ހޮސްޕިޓަލެއް ކަމުން، އެތަނުގެ ފެންވަރު މަތިކޮށް، ލިބޭ ހިދުމަތްތައް އިތުރުކޮށް ހޮސްޕިޓަލު އަދިވެސް ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.