ދިވެހިރާއްޖޭގައި އާންމުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކީ އެ ބޭނުންކުރާ މީހުންނަށް ހަމަ އެކަނި އަދަބު ދީގެން ހައްލުކުރެވޭނެ މައްސަލައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ހިންގުނު 3 މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް ލ.ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިގޮތުން، މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީ އިރުވެސް ހައްލުނުކުރެވި އޮތް މައްސަލައެއްކަމަށް ރައީސްވަނީ ވިދާޅުވެފައެވެ. މަސްތުވާތަކެތީގެ ޝިކާރައަކަށްވާ މީހުންނަށް ގިނަ ފަހަރު އާއިލާތަކުގައި ދިރިއުޅުމުގެ ފުރުސަތު ގެއްލޭކަމަށާއި އޭގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުން މަގުމަތިވެފާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އަދަބު އެކަނި ދީގެން ހައްލު ކުރެވޭނެ މައްސަލައެއް ނޫންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، ސަރުކާރުން ދަނީ މުޖުތަމައަށް ބިނާ ކުރަނިވި ބައެއްގެ ގޮތުގައި އެމީހުން އަނބުރާ ގެނައުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން، މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް އެކުލަވާލެވިފައިވާ ހާއްސަ އެކްޝަން ޕްލޭންގެ ދަށުން އަންނަ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތައް ފެށޭނެކަން ރައީސް އިއުލާންކުރެއްވިއެވެ. 

މީގެތެރޭގައި ޖަލުގައި މަސްތުވާތަކެތީގެ ނެޓްވޯކްތައް އޮޕަރޭޓްކުރުން ހުއްޓުވުމަށްޓަކައި ޖަލުތަކުގެ ފެންވަރު ހަރުދަނާކޮށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގޭނެއެވެ. އަދި، މަސްތުވާތަކެތީގެ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ރާއްޖެ ބޭނުން ކުރުން ހުއްޓުވުމަށްޓަކައިވެސް ހާއްސަ މަސައްކަތްތަކެއް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. 

އެންމެ އިސްކަމެއް ދީގެން ކުރާނެ އެއް ކަމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ޑްރަގް އޮފެންޑާސް ރިމާންޑް ސެންޓަރު އަދި ކުޑަކުދިންގެ ރިހިބެލިޓޭޝަން ސެންޓަރެއް ހުޅުމާލޭގައި ގާއިމްކުރައްވާނެކަމަށާއި، ފަރުވާގެ މަރުހަލާ ފުރިހަމަ ކުރާ ޒުވާނުންނަށް ހާއްސަ މަރުކަޒެއްވެސް ގާއިމްކުރައްވާނެކަމަށެވެ. 

އެގޮތުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާ ޒުވާނުންނަށް ދިރިއުޅުމުގެ ހުނަރާއި، ތައުލީމާއި ތަރުބިއްޔަތުގެ ޕްރޮގްރާމްތަކެއް ހިންގާނެ މަރުކަޒެއް ލ.ކަޅައިދޫގައި ގާއިމްކުރާނެކަން ރައީސް އިއުލާންކުރެއްވިއެވެ. މި މަރުކަޒުގައި އެތަނަށް އަންނަ ޒުވާނުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްވެސް ހުންނާނެކަމަށާއި މި ފަރާތްތައް އާމްދަނީ ހޯދުމުގެ އަމިއްލަ މަސައްކަތްތަކެއް ފަށައިގަތުމަށް އެހީތެރިކަންވެސް ފޯރުކޮށްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރަކަށް އައިސް ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގުމަތިވެފައިވާ މީހުން ވަރަށް ގިނައެވެ. މިފަދަ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއްދީ މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި ނެރުމަކީ ސަރުކާރުގެ އަމާޒެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.