ދިވެހިރާއްޖޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދާދި ދެންމެއަކު އިއުލާންކޮށްފިއެވެ. ރައީސް މިކަން އިއުލާންކުރެއްވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން ހިނގުނު 3 މަޝްރޫއެއް އިފްތިތާހުކޮށްދެއްވުމަށް ލ.ގަމުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހުރިހާ ރައްޔިތުންނަށްވެސް ހިލޭ ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އެކަން މިހާރުވަނީ ބަޖެޓުގައިވެސް ހިމަނައިފައެވެ. އެންމެ ގިނަ ވެގެން ހަތަރު، ފަސް މަސް ދުވަސް ތެރޭގައި ކޮވިޑްގެ ވެކްސިން ރާއްޖެއަށް ލިބުމުގެ އުންމީދު އެބައޮތް ކަމަށް ރައީސްވަނީ ކުރިންވެސް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއަށް އާބާދީގެ 20 އިންސައްތައަށް ހިލޭ ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުންވަނީ ކުރިންވެސް އިއުލާނުކޮށްފައެވެ. އެގޮތުން، ރާއްޖެއިން ހޯދުމަށް މަސައްކަތް ކުރަމުންދަނީ އޮކްސްފަޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނިކާގެ ވެކްސިނާއި މޮޑާނާގެ ވެކްސިނެވެ. އެއީ ރާއްޖެއަށް އެންމެ އެކަށީގެންވާ ވެކްސިންކަން ހެލްތު މިނިސްޓްރީއިން ވަނީ ކުރިން ފާހަގަކޮށްފައެވެ.
ވެކްސިން ރާއްޖެ ލިބުނުހާ އަވަހަކަށް އެ ރައްޔިތުންނަށް ދިނުމުގެ މަސައްކަތް ފަށާއިރު ވެކްސިން ދޭނީ އިސްކަންދޭ ތަރުތީބުން، ޑަބްލިއުއެޗްއޯއިން އެކުލަވާލާފައިވާ އުސޫލުގެ ތެރެއިންނެވެ. ކޮވިޑްގެ އެންމެ ރިސްކު ބޮޑު މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެންކަމުން ވެކްސިން އެންމެ ފުރަތަމަ ދޭން ފަށާނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ބެލެވެއެވެ.