ނަފްރަތުގެ އަމަލުތައް ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ކަމާ ބެހޭ ފަރާތްތަކުން ދެއްވި ލަފަޔަށް ރިއާޔަތްކޮށް އެ ބިލަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ބިލަށް ބަދަލުތަކެއް ގެންނެވުމަށް ނިންމަވާފައިވާ ކަމަށައި އެ ބަދަލުތައް ގެންނަވަނީ އިސްލާމިކް މިނިސްޓްރީ އާއި ދީނީ އިލްމުވެރިންގެ އިތުރުން މި ބިލަށް ލިބުނު ހުރިހާ ކޮމެންޓަކަށް ވެސް ރިއާޔަތް ކުރުމަށްފަހުއެވެ.
އެ ކޮމިޓީން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އިސްލާމިކް މިނިސްޓްރީގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަންގެ ލަފާ ހޯދާފައެވެ. މި ފަރާތްތަކުގެ ލަފާގެ މަތިން ކޮމިޓީން ވަނީ ވަކިވަކި މާއްދާތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މި ބިލުގައި ހުށައަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ 124 ވަނަ މާއްދާގެ ގޮތުގައި 'ނަފްރަތުގެ އަމަލު ހިންގުން ކުށަކަށް ހެދުމަށެވެ.
ކޮމިޓީން ގެނައި ބަދަލުތައް
124 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގެ (1)
ބިލުގައި މިހާރު އޮތް ގޮތް: އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހަކު ކަމަށް ތުހުމަތު ކުރުން
ކޮމިޓީން ގެނައި އިސްލާހު: ވަކި މައްސަލައަކާއި މެދު ދީނީ އިލްމުވެރިންގެ މެދުގައި ދީނީ ރައުޔު ތަފާތުވެފައިވާކަން އެނގެން އޮއްވާ، އޭގެ ތެރެއިން ވަކި ރައުޔެއްގައި ވާ ގޮތަށް މީހަކު ފާޅުކުރި ޝުއޫރަކުން ނުވަތަ ކުރި އަމަލަކުން އެމީހަކީ އިސްލާމް ދީނާއި ޚިލާފަށް އުޅޭ، ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ނުވަތަ އެފަދަ މާނައިގައި އާންމު ތަނެއްގައި ސިފަކުރުން ނުވަތަ ތުހުމަތު ކުރުން
124 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގެ (2)
ބިލުގައި އޮތް ގޮތް: އިސްލާމީ އަގީދާއާ ގުޅުވާ މުޖުތަމައުގައި މީހަކާއި މެދު ނަފްރަތު އުފެއްދުން
ކޮމިޓީން ގެނައި އިސްލާހު: ކޮމިޓީން ނިންމީ އިސްލާމިކް މިނިސްޓްރީގެ ލަފަޔާއި އެކު މި މި ބައި އުނިކުރުމަށެވެ.
124 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރުގެ (3) އަދި (4)
ބިލުގައި އޮތް ގޮތް:
(iii) އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން
(iv) އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުން
ކޮމިޓީން ގެނައި އިސްލާހު: މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުވަތަ ބަހެއް ގަސްތުގައި ނުބުނާހާ ހިނދަކު ނުވަތަ ގަސްތުގައި ފާޅުގައި ދީނުން ބޭރުވެ މުރުތައްދުނުވާހާ ހިނދަކު އާއްމު ތަނެއްގައި އެމީހަކީ ކާފަރެއް ނުވަތަ މުރުތައްދުވެފައިވާ މީހެއް ކަމުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުން/ތުހުމަތުކުރުން
- ކޮމިޓީން ނިންމީ މި ދެ ނަމްބަރު ވަކި ދެ ބައެއްގެ ގޮތުގައި ނުހިމެނުމަށެވެ.
މީގެއިތުރުން ޖުޑީޝަރީ ކޮމިޓީން ވަނީ 124 ވަނަ މާއްދާގެ ދެ ވަނަ ނަމްބަރުގެ (3) އުނިކޮށް، އޭގެ އިބާރާތް ބަދަލުކުރުމަށްފަހު 124 ވަނަ މާއްދާގެ ތިން ވަނަ ނަމްބަރުގެ ދަށުން އަންނަ ބައިގައި ހިމެނުމަާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. ތިން ވަނަ ނަމްބަރުގައި ހިމެނެނީ މީހެއްގެ ނަސްލާއި ޖިންސާއި ގުޅުވައި ނަފްރަތު އުފެއްދުމާއި ގުޅޭ ވާހަކަތަކެވެ.
ތިން ވަނަ ނަމްބަރަށް ހުށައެޅި ބަދަލު
އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުތަކުގެ ތެރެއިން އަމަލެއް ކުރާ މީހާ އެކުރަނީ ކުށެކެވެ. މީހެއްގެ ނަސްލަށް ނުވަތަ އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ސިޔާސީ ވިސްނުމަށް ނުވަތަ ދީނަށް ބަލާ އެމީހަކަށް؛
- ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ ދިނުމުގައި ބައިވެރިވުން ނުވަތަ ދިނުމަށް ރޭވުން ނުވަތަ ދިނުމަށް ގޮވާލުން
- ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުން
- އެމީހަކާއި މެދު ތަފާތުކުރުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުން
މި މާއްދާއަށް ބަދަލު ގެނައުމަށް ހުށައެޅުއްވި ނަމަވެސް ބައެއް ޖުމްލަތަކުގެ އިބާރާތްތައް ތަފާތުވުމުން އެކަމާ މެދު ސުވާލު އުފެދޭތީ އަދި އިތުރަށް މަޝްވަރާ ކުރުމަށް ނިންމާފައެވެ. އަދި ދެން އަންނަ ބައްދަލުވުމެއްގައި މި ކުށްތަކަށް ކަނޑައެޅުމަށް ބިލުގައި ހިމަނާފައިވާ އަދަބުތަކާއި ގުޅިގެން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް އިންތި ވިދާޅުވިއެވެ.
މި ބިލު ސަރުކާރުން ހުށައެޅި މަގްސަދަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެހެންނަމަވެސް، މި ބިލު މަޖިލީހަށް ހުށައެޅުމާއި އެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެގެންދިޔައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ބިލަކީ ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށައެޅި ބިލެއް ކަމަށެވެ.