ޒަމާނުއްސުރެ ގަމުގައި އަވަށު އިންޖީނުގެތައް ބޭނުންކޮށްގެން ފޯރުކޮށްދެމުންދިޔަ ކަރަންޓުގެ ހިދުމަތް ރަނގަޅުކޮށް ކަރަންޓު ވިޔުގަ މީޑިއަމް ވޯލްޓޭޖް އެއް ވިޔުގަ އަކުން ގުޅާލާ
މަރުކަޒީ އިންޖީނުގެ އަކުން ކަރަންޓު ދިނުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދައި، މަރުކަޒީ އިންޖީނުގެ މިއަދު އިފްތިތާހު ކޮށްފިއެވެ. މިއަދު ލ.ގަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަރުކަޒީ އިންޖީނުގެ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއެވެ.

ގަމުގައި މީގެކުރިން ކަރަންޓު ފޯރުކޮށްދީފައިވަނީ ތިން އަވަށުގައި ވަކިން އިންޖީނުގެތައް ބަހައްޓައިގެންނެވެ. މިއަދުގެ ރަސްމިއްޔާތުގައި ފެނަކަ އެމްޑީ އަހުމަދު ސައީދު ފާހަގަކުރެއްވި ގޮތުގައި، މި އަވަށު އިންޖީނުގެތަކުން ކަރަންޓު ފޯރުކޮށްދީފައިވަނީ 30 ނުވަތަ 40 އަހަރުވެފައިވާ ޖެނަރޭޓާރުތަކުންނެވެ. މީގެ ސަބަބުން މާލީގޮތުން އެތައް ގެއްލުމެއް ފެނަކައަށް ލިބޭއިރު، ރައްޔިތުންނަށްވެސް ފޯރުކޮށްދެވޭ ހިދުމަތުގެ ފެންވަރުވެސް ދަށެވެ. 

ފެނަކައިން މައުލޫމާތު ދީފައިވާ ގޮތުގައި މިއަދު އިފްތިތާހުކުރެވިގެން ދިޔަ މަރުކަޒީ އިންޖީނުގޭގެ ސަބަބުން ފެނަކައިން ތެލަށް ކުރަންޖެހޭ ހަރަދު ދަށްވެގެންދާނެއެވެ. ކަރަންޓު އުފައްދާ ނިޒާމް އެފިޝިއަންޓްވުމުގެ ސަބަބުން ފުރަތަމަ އަހަރު އެކަނިވެސް 3.6 މިލިއަން ރުފިޔާ ސަލާމާތް ކުރެވޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މީގެއިތުރުން، ކަރަންޓް ވިޔުގައިގެ ލޮސް ކުޑަވުމުގެ ސަބަބުން 3.2 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މިއަދުގެ ރަސްމިއްޔާތުގައި ފެނަކައިން ހާމަކޮށްފައިވާ ގޮތުގައި، ފުރަތަމަ 7 އަހަރު ތެރޭގައި ފެނަކައަށް ގާތްގަޑަކަށް 40 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

ކަރަންޓު އެއްވިއުގައަކުން ގުޅާލުމުން ކަރަންޓުގެ ކޮލިޓީ ޔަގީންވެ ގޭގައި ބޭނުން ކުރެވޭ ކަރަންޓު ޢާލާތްތަކަށް އެއަށް ބޭނުންވާ
ފުރިހަމަ ވޯލްޓޭޖްވެސް ލިބޭނެއެވެ. އަދި އަވަށު އިންޖީނުގެތައް ބެކަޕް ގޮތުގައި ބެހެއްޓިފައިވުމުގެ ސަބަބުން ގިނަ ވަގުތަށް ކަރަންޓު ނުކެނޑޭނޭ ކަމުގެ ޔަގީން ކަންވެސް ފެނަކައިންވަނީ ދީފައެވެ.

މިއަދު ލ.ގަމުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލައި، މަރުކަޒީ އިންޖީނުގެ އިފްތިތާހު ކޮށްފައިވާއިރު، މިއީ ގަމުގެ ރައްޔިތުންނަށް މުހިންމު މަޝްރޫއުއެކެވެ. ގަމުގެ ކަރަންޓް އެއް ނެޓްވޯކަކުން ގުޅާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.