އަތޮޅު ތެރޭގެ ސިއްޚީ ނިޒާމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންގިލާބީ ބަދަލެއް ގެނެސް ދެއްވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ. 

ވިސާމް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން ލ. ގަމުގައި ކުރިޔަށް ގެންދިޔަ ތިން ޕްރޮޖެކްޓެއް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ވިސާމް ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގެ ރައްޔިތުން ސިއްޚީ ފަރުވާ ހޯދުމަށް އައުމަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އަތޮޅު ތެރޭގެ ސިއްޚީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސް ދެއްވާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ސަރުކާރުން ތަރައްގީކުރަމުން އަންނަ 5 ޓާޝަރީ ހޮސްޕިޓަލާއެކު ހެޔޮބަދަލުތަކެއް އަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ވިސާމް ވިދާޅުވިއެވެ.

މިއަދު ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލުން ސީޓީ ސްކޭން ހެއްދުމުގެ ޚިދުމަތް އިފްތިތާހުކޮށްފައެވެ. ރައީސް ސޯލިހަކީ ޖަޒީރާ ސިއްޚީ ނިޒާމްގެ ބާނީކަމަށް ވިދާޅުވެ ވިސާމް ވަނީ ދެން ސީޓީ ސްކޭން ހެއްދުމަށް ހައްދުންމަތީގެ ރައްޔިތުން ފުރައިގެން މާލެ ދާން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 
މިއަދު ވަނީ ގަމުގެ ތިން އަވަށުގެ ކަރަންޓު އެއް ނެޓްވޯކަކުން ގުޅާލުމުގެ ހިދުމަތް ވެސް އިފްތިތާހުކޮށްފައެވެ. އެކަމަށް އިޝާރަތްކޮށް ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ
ކެމްޕޭނުގައި އެރަށަށް ވަޑައިގެން ރައްޔިތުންގެ ކުރިމަތީގައި
ވެވަޑައިގެންނެވި ވައުދު ރައީސް ސޯލިހުގެ ސަރުކާރުން ރަނުންރަނަށް ފުއްދަވައި ދެއްވާފައިވާ ކަމަށެވެ. 

ހަމައެހެންމެ ގަމު ޒޯން ސްޓޭޑިއަމްގެ ފުޓްބޯޅަ ދަނޑު ވެސް މިއަދު ހުޅުވާފައިވާއިރު މިއީ ގަމުގެ ޒުވާނުންގެ އުއްމީދުތަކުގައި ކުލަ ޖެހިގެން ދިޔަ ދުވަހެއް ކަމަށް ވިސާމް ވިދާޅުވިއެވެ. ހަމައެހެންމެ ބޮޑު ފުޓުބޯޅަ ދަނޑުތައް
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީކުރުމަށް ރައީސް ސޯލިހު
ވެވަޑައިގެންނެވި ވައުދުފުޅު ކުޅިވަރާއި ބެހޭ ވަޒީރު އެ ވައުދުތައް ރަނުން ރަނަށް ފުއްދަވާނެ ކަމުގެ ޔަގީނަކަން އޮތް ކަމަށް ވިސާމް ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.