އެެސްޓްރާޒެނެކާ ވެކްސިން ވައިލްތަކެއް / ފޮޓޯ: ރިއުޓާސް

އަންނަ ޖުލައި މަހުގެ މެދުތެރޭ އެސްޓްރާޒެނެކާ ވެކްސިން ލިބޭނެ ކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިކަން އިއުލާން ކޮށްފައި ވަނީ މިހާރު ކުރިޔަށްދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ނަސީމް ވިދާޅުވީ ވެކްސިން ލިބޭނެ ސީދާ ތާރީހެއް ނޭނގުނު ނަމަވެސް ޖުލައި މަހުގެ 12 ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު ވެކްސިން ލިބޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރާއްޖެއަށް 7 ލައްކަ ޑޯޒް ވެކްސިން ގެނައުމަށްޓަކައި އެސްޓްރަޒެނެކާ ކުންފުންޏާއެކު ސޮއި ކުރުމަށް ދައުލަތުގެ މާލިއްޔަތު ގަވައިދުގެ ބައެއް މާއްދާތަަކަށް އަމަލު ނުކުރުމަށް ނިންމާ، މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ވަނީ ފިނޭންސް މިނިސްޓަރުގެ ގަރާރެއް ނެރެފައިވާއިރު، އެ އެގްރީމެންޓްގެ ދަށުން ރާއްޖެއަށް 7 ލައްކަ ޑޯޒް ވެކްސިން ގެނައުމުގެ މަސައްކަތް ކުރަމުން ދާތާ މިހާރު ވަނީ 6 މަސް ވެފައެވެ.

ރާއްޖެއަށް ވެކްސިން އަންނާނެ ކަމަށް މިހާތަނަށް އެޗްއީއޯސީން އަދި ހެލްތް މިނިސްޓްރީން ވަނީ އެކި ފަހަރު މަތިން ތާރީހުތަކެއް ދީފައެވެ. ނަމަވެސް މިހާތަނަށް ދިން ތާރީހުތައް ފަހަނައަޅައި ދިޔަ އިރުވެސް ވެކްސިން ނުލިބޭ ކަން ފާހަގަކުރެވެއެވެ. އެންމެ ފަހުން ސަރުކާރުން ބުނީ އަންނަ ޖުލައި މަސް ތެރޭ އެ ވެކްސިންގެ 5 ލައްކަ ޑޯޒް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން، ކޮވިޑް ވެކްސިންތަކުގެ ތަފްސީލު ދެއްވަމުން މިނިސްޓަރ ނަސީމް ވިދާޅުވީ އެމެރިކާއިން ވެސް ރާއްޖެއަށް ވެކްސިން ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ވެކްސިން ލިބޭނެ ތާރީހެއް އަދި ނޭނގޭ ކަމަށެވެ.

ހަމައެއާއެކު ރަޗިއާގެ ސްޕުޓްނިކް ވެކްސިން ގެނައުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ވަނީ ނޮން-ޑިސްކްލޯޒާ އެގްރީމަންޓެއްގައި ސޮއިކޮށްފައި ކަމަށާއި، އެކަން ރަޝިޔާގެ ޑިސްޓްރިބިއުޓަރުން ވެސް ބަލައިގަނެފައިވާ ކަމަށެވެ. އަދި ޕާޗޭސް އެގްރީމަންޓުގައި ހުރި ކުދި މައްސަލަތަކާ ބެހޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށާއި، ލަސްތަކެއް ނުވެ ސޮއި ކުރެވޭނެ ކަމަށެވެ.

ރާއްޖެއިން ސްޕުޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގަންނަން ނިންމާފައި ވާއިރު، އެ ވެކްސިން ގަންނަން އެގްރީމަންޓުގައި ސޮއި ކުރާތާ 4 ހަފްތާ ތެރޭ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.