ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު | ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކުރިޔަށްދަނީ 8 ފަރާތެއްގެ ތަހުގީގު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދުގެ ތަހުގީގު ކުރިޔަށްދާ ގޮތާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި، މިހާތަނަށް ފުލުހުން ދީފައިވާ މައުލުމާތަށް ބަލާއިރު، 8 ފަރާތެއްގެ ތަހުގީގު ކުރިޔަށްދާ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ 8 ފަރާތުގެ ތަހުގީގުގެ ތެރެއިން 4 ފަރާތެއްގެ ތަހުގީގު ނިންމައި ވަރަށް އަވަހަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާ ހިސާބަށް ގޮސް ދައުވާ ކުރެވޭނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ، ތަހްގީގު ނިންމައި މައްސަލައިގެ ލިޔުންތައް އަންނަ މަހު ޕީޖީ އޮފީހަށް ލިބޭނެ ކަމަށާއި، އަދި އޯގަސްޓް 5 ވަނަ ދުވަހުގެ ކުރިން މައްސަލައިގައި ދައުވާކުރެވޭނެ ކަމަށެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ތަހްގީގުކޮށް ދައުވާކުރުމަށް ކަނޑައަޅާފައިވާ މުއްދަތަށް ބަލާއިރު، މި މައްސަލައިގައި އޯގަސްޓް މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ދައުވާކުރަން ޖެހޭއިރު، މުއްދަތު އިތުރު ކުރުމުގެ ބާރު ޕީޖީއަށް ލިބިގެންވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގަށް ފާރަލުމަށް ރައީސް ނަޝީދު ރައީސްކަން ކުރައްވާ އެމްޑީޕީން ވަނީ ކޮމެޓީއެއް އުފައްދާފަ އެވެ. އެ ކޮމެޓީން މިހާރު ވަނީ ފުލުހުންނާ ބައްދަލުކުރުމަށްވެސް ނިންމާފައި އެވެ. އަދި ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހްގީގުގެ ސްޕީޑާ މެދު ރައީސް ނަޝީދަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ގެންދަނީ ފާޑުކިޔަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.