ދިވެހިރާއްޖޭގެ ފަރާތުން އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިއާރްއީއެންއޭ) ގައި ދިވެހިރާއްޖެ ތަމްސީލް ކުރުމަށް ދާއިމީ ސަފީރެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ އައިމިނަތް ޝަބީނާ ވަނީ މިއަދު އައިއާރްއީއެންއޭގެ ޑިރެކްޓަރ ޖެނެރަލްއަށް ލިޔެކިޔުންތައް އަރުވާފައެވެ.
އައިމިނަތް ޝަބީނާ ދާއިމީ ސަފީރެއްގެ ގޮތުގައި ހަމަޖެއްސުމާއި ގުޅިގެން ލިޔެކިޔުންތައް މިއަދު އަރުވާފައިވަނީ އަބޫ ދާބީގައި ހުންނަ އައިއާރްއީއެންއޭގެ ހެޑްކުއާޓާސްގައި ބޭއްވިގެން ދިޔަ ރަސްމިއްޔާތެއްގައެވެ.
Warm congratulations to Ambassador Aminath Shabeena on presenting credentials to @IRENA.
Confident in her ability to enhance engagement between #Maldives & #IRENA, as we transition towards more sustainable energy forms, achieve #NetZero by 2030, and tackle the #ClimateEmergency pic.twitter.com/JDRpn9zTQl
— Abdulla Shahid (@abdulla_shahid) June 29, 2021
އައިމިނަތް ޝަބީނާ އައިއާރްއީއެންއޭ ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑައެޅީ 2021 ވަނަ އަހރުގެ މާރިޗް މަހުގެ 31 ވަނަ ދުވަހުއެވެ. އެއާއެކު، ދިވެހިރާއްޖެއިން އައިއާރްއީއެންއޭ އަށް ދާއިމީ ސަފިރެއްގެ ގޮތުގައި ޑރ. ހަސަން ނިޔާޒް އާއިއެކު ދެބޭފުޅުން ވަނީ ދާއިމީ ސަފިރުންގެ ގޮތުގައި ކަނޑައެޅިފައެވެ.
މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ޝަބީނާ ވަނީ އައިއާރްއީއެންއޭގެ ޑިރެކްޓަރ ޖެނެރަލް ފްރަންސެސްކޯ ލަ ކަމޭރާއަށް ދިވެހިރާއްޖެއާށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ރައީސް ސޯލިހުގެ އަރިހުންނާއި ފޮރިން މިނިސްޓަރ ޝާހިދުގެ އަރިހުން ޝުކުރު ދަންނަވާފައެވެ.
ހަމަމިޔާއެކު، 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަންސްއަށް ވާސިލްވުމަށްޓަކައި ދިވެހިރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމަށާއި މި މަސައްކަތުގައި އައިއާރްއީއެންއޭގެ އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދު ކުރއަވާ ކަމަށްވެސް ވަނި ވިދާޅުވެފައެވެ.
އިންޓަނޭޝަނަލް ރިނިއުވަބަލް އެނާޖީ އޭޖެންސީ (އައިއާރްއީއެންއޭ) އަކީ 2009 ވަނަ އަހަރު ގާއިމްކުރި ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. މިއަދު ދުނިޔޭގެ 164 ގައުމަކުން މި ޖަމިއްޔާގެ މެމްބަރ ސްޓޭޓުންގެ ގޮތުގައި އޮތް އިރު ދިވެހިރާއްޖެއަކީ މި ޖަމިއްޔާ ވުޖޫދަށް އައުމާއެކު މި ޖަމިއްޔާގައި ހަރަކާތްތެރިވަމުން އަންނަ ގައުމެކެވެ.
އެގޮތުން 2013 ވަނަ އަހަރުގެ އިލެކްޝަނަށް ފަހު އައިއާރްއީއެންއޭގެ ވައިސް ޗެއަރގެ މަގާމުވެސް ދިވެހިރާއްޖެއިން ވަނީ އަދާކޮށްފައެވެ. އަދޮ 2017 ވަނަ އަހަރު ރިނިއުވަބަލް އައިލެންޑް އެނާޖީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީވެސް ދިވެހިރާއްޖޭގައެވެ.