ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފުލުހުން، މީހަކަށް އަނިޔާކުރި މައްސަލައިގައި ތިން ފުލުހަކު މަގާމުން ވަކި ކުރަން ނިންމައިފިއެވެ.
ނައިފަރުގައި ފުލުހުންތަކެއް މީހަކަށް އަނިޔާކުރި ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވިއެވެ. ފުލުހުން އޭނާ އަށް އަނިޔާކުރީ ފުލުހެއްގެ އަނބަކަށް ފުރައްސާރަ ކުރި މައްސަލައެއްގައި ކަމަށް އޭރު އަޑު ފެތުރުނެވެ.
މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް އިން ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށައެޅުމުން ނިންމާފައިވަނީ މި މައްސަލައިގައި ތިން ފުލުހަކު ވަޒީފާއިން ވަކިކުރުމަށެވެ. އަދި ދެ ފުލުހަކު މިހާރު ހުރި ރޭންކުން އެއް ރޭންކު ދަށް ކުރަން ވެސް ވަނީ ނިންމާފައެވެ.
މި ފިޔަވަޅުތައް އިސްތިއުނާފް ކުރުމަށް ބަންދު ދުވަސްތައް ނުހިމަނާ 7 ދުވަސް ފިޔަވަޅު އެޅި ފުލުހުންނަށް ލިބޭނެއެވެ.
ޑިސިޕްލިނަރީ ބޯޑުން ނިންމާ މައްސަލައެއް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅައިފިނަމަ، އެ މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން ކަނޑައަޅާފައިވާ އަދަބު ތަންފީޒުކުރެވޭނީ، އެ މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާނަމަ އެ މައްސަލައާ މެދު އިސްތިއުނާފު ކޮމިޓީން ގޮތެއް ނިންމުމުންނެވެ.
މި މައްސަލަ ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ)ން ވެސް ދަނީ ބަލަމުންނެވެ.
ހެހެހެހެ .. ހުސް ފިލްމު.. ނުވާނެ ތިޔަކަމެއް