ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެދެފިއެވެ.
މިގޮތަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފައިވަނީ "ބުރެވި" ތޫފާނުގެ އަސަރު މިއަދު ހަވީރުން ފެށިގެން ރާއްޖޭގެ ސަރަހައްދަށް ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއެވެ. މެޓް އޮފީހުން ބުނެފައިވަނީ ސްރީލަންކާގެ ޓްރިންކޮމަލީގެ އިރު އިރުދެކުނުން ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ، މިހާރުވަނީ ތޫފާން "ބުރެވި" އަށް ބަދަލުވެފައި ކަމަށާއި މި ތޫފާނުގެ އަސަރު މިއަދު ރާއްޖެއަށް ކުރުން އެކަށީގެންވާކަމަށެވެ.
މި ތޫފާނުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ވަނީ ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކޮށްފައެވެ.
އަދި ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެންގުމާއި އަދި އުޅަނދުގައި ލައިފްޖެކެޓާއި މުޢާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕްފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމާއި، ޚާއްޞަކޮށް ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.
މުދާ އުފުލާ އުޅަނދުފަހަރުތަކުން ވެސް މުދާ ބަރުކުރުމުގައި ގަވާއިދުތަކަށް ޢަމަލު ކުރުމާއި ލައިސަންލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ބުނެފައިވެއެވެ. އަދި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް ބުނެފައިވެއެވެ.
ތޫފާން ބުރެވި ހުޅަނގަށް ދަތުރުކޮށް މިއަދު ސްރީލަންކާ ހުރަސްކޮށް އިންޑިއާގެ އައްސޭރިފަށާ ކައިރި ވާނެކަމަށް ބެލެވެއެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް އެމްއެންޑީއެފް އިން ވަނީ އެދިފައެވެ.