މ. ވޭވަށް ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 88 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ 88 އިންސައްތަ ނިންމާލާފައިވާ ކަމަށެވެ. އަދި އިއްޔެ މި މަޝްރޫޢުގެ ދަށުން، ހާބަރ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 66،831 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރެވޭނެއެވެ. އަދި 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 380 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 130 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ވެސް ޖަހާނެއެވެ.
އޭގެއިތުރަށް މަގު ބައްތި ހަރުކުރުމާއި، 1،880 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫއަކީ 48.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.