14 ޖެނުއަރީ 2021 - ރައީސުލްޖުމްހޫރިއްޔާ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓަށް ޒިޔާރަތްކުރެއްވުން

އަންނަ އަހަރުން ފެށިގެން ފަސިންޖަރުން ދަތުރުކުރާ ކްލާހަށް ބިނާކޮށް ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ނަގަން ފަށަން މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އިގްތިސާދީ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަން 43 މެމްބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް 2 މެމްބަރަކު ވޯޓު ދެއްވިއެވެ.

މިއަދުގެ މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ކުރިއަށް ގެންދިޔައީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް އިގްތިސާދީ ކޮމިޓީން އެކުލަވާލި ރިޕޯޓުގެ މަސައްކަތެވެ.

ސަރުކާރުން ހުށައެޅި މި ބިލު އިގްތިސާދީ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. މި ބިލުގައި ބައެއް ޓެކްސްތައް ނެގުން ހުއްޓާލާ، އަލަށް ތައާރަފްކުރެވޭ ޓެކްސްތައް ނަގަން ސަރުކާރުން ހުށައެޅި ތާރީހުތައް ފަހަނައަޅާ ގޮސްފައިވާތީ އެ ކޮމިޓީން ވަނީ އެ ތާރީހުތަކަށް ބަދަލު ގެނެސްފައެވެ.

އެހެންނަމަވެސް ސަރުކާރުން ހުށައެޅި އެއްވެސް އަދަދަކަށް ބަދަލު ގެނެސްފައެއް ނުވެއެވެ. އެގޮތުން އެއަރޕޯޓް ސަރވިސް ޗާޖް ނެގުން ހުއްޓާލުމަށް ސަރުކާރުން ހުށައެޅި ތާރީހަކީ މިދިޔަ 2020 ގެ ޑިސެމްބަރު 31 އެވެ. އިގްތިސާދީ ކޮމިޓީން މި ތާރީހަށް ގެނައި ބަދަލަކީ އެއަރޕޯޓް ސަރވިސް ޓެކްސް ނެގުން މިއަހަރުގެ ޑިސެމްބަރު 31 ގައި ހުއްޓާލުމަށެވެ.

އެއަރޕޯޓް ސަރވިސް ޓެކްސްގެ ބަަދަލުގައި ނެގުމަށް ސަރުކާރުން ހުށައެޅީ ޑިޕާޗަރ ޓެކްސް ތައާރަފްކުރުމަށެވެ. އެ ޓެކްސް ނެގުމަށް ބިލުގައި ހިމަނާފައި އޮތީ 1 އޭޕްރިލް އިން ފެށިގެންނެވެ. އެހެންނަމަވެސް ކޮމިޓީން ނިންމީ އަންނަ އަހަރުން ފެށިގެން ޑިޕާރޗަރ ޓެކްސް ތައާރަފް ކުރުމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުން އަތުން ނަގާ ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓު ޑިވެލޮޕްމެންޓް ފީ އަންނަ އަހަރުން ފެށިގެން ނަގަން ހަމަޖެހިފައިވަނީ އެ ފަސިންޖަރަކު ދަތުރުކުރާ ކްލާހަށް ބިނާކޮށެވެ.

މިއަހަރުގެ 31 ޑިސެމްބަރުގެ ނިޔަލަށް އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި ދިވެހިން އަތުން ނަގާނީ މީހަކަށް 15 ޑޮލަރެވެ. ބިދޭސީއެއް ނަމަ 25 ޑޮލަރެވެ.

އަންނަ އަހަރުން ފެށިގެން ދަތުރުކުރުމަށްޓަކައި ޓިކެޓް ގަންނަ، ނުވަތަ ފުރާ ދުވަސްތައް ބަދަލުކުރާ ފަސިންޖަރުންގެ އަތުން ޑިޕާޗަރ ޓެކްސް އާއި އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ނެގުމުގައި އަމަލުކުރާނެ އިންތޮިގާލީ އުސޫލުތަކާއި، ޑިޕާރޗަރ ޓެކްސް ނެގުމުގައި ދަތުރުކުރާ ކްލާސްތައް ކަނޑައަޅާނެ މިންގަނޑުތައް ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ހިމަނަން ޖެހެއެވެ. އަދި މި ގަވާއިދު މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހެއެވެ.

ސަރުކާރުގެ ފަރާތުން ފަސިންޖަރުން އަތުން ނަގާ ފީތަކުގެ ރޭޓަށް ބަދަލު ގެނައުމަށް ހުށައެޅީ ކޮވިޑް-19 އާއި ގުޅިގެން އިގްތިސާދަަށް ދިމާވި ހީނަރުކަމުން އަރައިގަނެ، ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.