ގދ.ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިނިސްޓަރ އޮފް ހައުސިންގ، ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، އެއާޕޯޓުގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މި މަހުގެ 15ގެ ކުރިން މަސައްކަތް ފަށާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. 

މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު ދެން އޮތީ ރަންވޭގެ ބޭސް ލޭޔާގެ މަސައްކަތް ކަމަށާއި އާންމުގޮތެއްގައި 8 މަހާއި 10 މަހާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައި މި މަސައްކަތް އެމްޓީސީސީއަށް ނިންމާލެވޭނެކަމަށެވެ. 

ގދ.ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް އެމްޓީސީސީއާ ހަވާލުކުރެވުނީ 144.9 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން 1.2 ކިލޯމީޓަރުގެ ރަންވޭއެއް އެޅުމަށްވަނީ ހަމަޖެހިފައެވެ.

ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށަކުން 30 މިނިޓުން ދެވޭނެ އެއާޕޯޓެއް އޮތުމެވެ. މި މަސައްކަތުގެ ދަށުން ދާދި ފަހުންވަނީ ހއ.ހޯރަފުށީ އެއާޕޯޓު ތަރައްގީކޮށް ހުޅުވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.