ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުވާންޖެހޭ މުއްދަތު 14 ދުވަހުން 10 ދުވަހަށް މަދުކޮށްފިއެވެ.

މިއަދު އެޗްޕީއޭއިން އިއުލާނުކޮށްފައިވާ ގޮތުގައި، ފަތުރުވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ފަރާތްތަކާއި މާލެއިން އަތޮޅުތެރެއަށް ދާ ފަރާތްތަކާއި ރިޒޯޓުތަކުން ރަށްރަށް ދަތުރުކުރާ ފަރާތްތަކާއި ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކަށް ކަރަންޓީނުވުމަށް ކަނޑައަޅާ މުއްދަތުވަނީ 10 ދުވަހަށް ދަށްކޮށްފައެވެ. 

އަދި މި މުއްދަތަށްފަހު ކަރަންޓީނުން ދޫކުރެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއެއް ލިބުމުންކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެއިތުރުންވެސް، މީގެ ފަހުން ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަކަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރަންވާނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް ހިފައިގެން ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ކުރިން މި ގޮތަށް ދަތުރުކުރާ ފަރާތްތަކުން ނެގެޓިވް ޕީސީއާރް ޓެސްޓް ހުށަހަޅާކަށް ނުޖެހެއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، މިގޮތަށް ހަދާ ޓެސްޓަށް ހަރަދުކުރަންވާނީ ދަތުރުކުރާ ފަރާތުން ނުވަތަ ދަތުރުގައި ބައިވެރިވާ ފަރާތްތަކަށް ޒިންމާވާ ކުންފުންޏަކުންނެވެ.

އެޗްޕީއޭއިން ގެނެސްފައިވާ މި ބަދަލުތަކަށް އަމަލުކުރަން ފަށަނީ ހުކުރު ދުވަހުން ފެށިގެންނެވެ. ހުކުރު ދުވަހުގެ ކުރިން ދަތުރުކުރާ ފަރާތްތަކުން 14 ދުވަހުގެ ކަރަންޓީނު މުއްދަތު ފުރިހަމަކުރަންޖެހޭނެއެވެ. 

ކޮވިޑް-19 ހުއްޓުވުމަށް އެޗްޕީއޭއިން ނެރެފައިވާ ގައިޑްލައިންތަކަށް އަމަލުކުރާކަން ލޯކަލް ކައުންސިލްތަކުންނާއި ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.