މާލެ ސަރަހައްދުގެ މިސްކިތްތަކުގައި އަންނަ ހުކުރު ދުވަހުގެ ކުރިން ޖަމާއަތުގައި ނަމާދުކުރުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މާދަން ނުވަތަ އަނެއް ދުވަހު ޖަމާއަތުގައި ނަމާދުކުރަން ފެށޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. މާލޭ ސަރައްދުގެ މިސްކިތްތަކުގައި ނަމާދުކުރަން ފެށިނަމަވެސް، ނަމާދު ކުރެވެނީ ގައިދުރުކަން ބަހައްޓައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް-19 ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ދެވަނަ ފަހަރަށް ހުއްޓާލާފައި ވަނީ ހުސްވި މެއި މަހުގެ 12 އިން ފެށިގެންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކުރާ އަދަދު ދަށަށްދާން ފެށުމާއެކު، ކޮވިޑްގައި އަޅަންފެށި ފިޔަވަޅުތަކަށް ލުއިތަކެއްދޭން ވަނީ ފަށައިފަ އެވެ.