ޔޫރޯ 2020 ގެ ގަދަ 16 ގައި ސްވިޒަލޭންޑް އަތުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިވި މެޗުގައި، ޕެނަލްޓީ ކާމިޔާބު ނުކުރެވި، މުބާރާތުން އަލްވަދާއު ކިޔަން ޖެހުމުން ފުން ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ޕީއެސްޖީގެ އުންމީދީ ފޯވާޑް ކީލިއަން އެމްބާޕޭ ބުނެފިއެވެ.
ރޭ ސްވިޒަލޭންޑްއާ ވާދަކޮށް ފްރާންސް ބަލިވީ ޕެނަލްޓީ ޖަހައިގެން 4-5 ގެ ނަތީޖާއަކުންނެވެ. މެޗުން ފްރާންސް ބަލިވީ އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ސްވިޒަލޭންޑްގެ ކީޕަރު ދިފާއު ކުރުމުންނެވެ.
މިއާއެކު، އެމްބާޕޭގެ މީސް މީޑިއާ މެދުވެރިކޮށް ނެރެފައިވާ ކުރު ބަޔާނެއްގައި ބުނީ، ކަނޑައެޅި ޓާގެޓަށް ވާސިލްނުވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުމުން ފުން ހިތާމައަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، އަދި މިކަމުން އަރައިގަންނަން އުނދަގޫވާނެ ކަމަށެވެ.
— Kylian Mbappé (@KMbappe) June 28, 2021
ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން މައާފަށް އެދި އެމްބާޕޭ ބުނީ، އޭނާ މަސައްކަތް ކުރީ ޓީމަށް އެހީވާން ކަމަށާއި، ނަމަވެސް އެކަމުގައި ފެއިލްވި ކަމަށެވެ. އަދި އޭގެ ސަބަބުން ހަމަނިދި ހޯދަންވެސް އުނދަގޫ ވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
"އެންމެ ލޯބިވާ އަދި އެންމެ ގަޔާވާ ކުޅިވަރަކީ ފުޓުބޯޅަ. މި ކުޅިވަރަކީ ކުރިޔާލާ ވާނެ ގޮތެއް އެނގޭ ކުޅިވަރެއް ނޫން. އަހަރެންނަށް އެނގޭ ސަޕޯޓަރުން ތިބޭނީ މާޔޫސްވެފައިކަން. ނަމަވެސް ސަޕޯޓަރުން އަބަދުވެސް ކުރާ އިތުބާރަށް ޝުކުރު އަދާކުރަން" އެމްބާޕޭގެ ބަޔާނުގައި އޭނާ ވަނީ ބުނެފައެވެ.
މީގެއިތުރުން އެމްބާޕޭ ބުނީ، ކުރިޔަށް ހުރި މުބާރާތްތަކުގެ އިތުރުން މެޗުތަކަށް އެނބުރި އަންނާނީ ދިމާވި ހުރިހާ ކަމަކުން އަރައިގަނެ، ކުރިޔަށްވުރެ މާ ވަރުގަދަކޮށް ކަމަށެވެ. އަދި އޭނާ ވަނީ މުބާރާތުގެ ކުއާޓާ އިން ޖާގަ ހޯދި ސްވިޒަލޭންޑަށް މަރުހަބާ ކިޔާފައެވެ.