ޔުއެފާ ޔޫރޯ ގެ ދެވަނަ ބުރުގައި ސްޕެއިން އަދި ކްރޮއޭޝިއާ ބައްދަލުކުރި މެޗު އިތުރު ވަގުތު ކުޅެގެން ކާމިޔާބުކޮށް ކުއާޓަރ ފައިނަލްގެ ޖާގައެއް ސްޕެއިންއިން ހޯދައިފިއެވެ.

މި މުބާރާތް ތިން ފަހަރު ކާމިޔާބުކޮށްފައިވާ ސްޕެއިން އިން ކްރޮއޭޝިއާ ބަލިކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ކްރޮއޭޝިއާއިންނެވެ. މި ލަނޑަކީ ސްޕެއިންގެ ޕެޑްރީ ބައިކޮޅަށް ދިން ޕާހެއް ކޮންޓްރޯލް ކުރުމަށް ކީޕަރު އުނައި ސިމޮން އުޅުމުގެ ތެރޭގައި ވަން ލަނޑެކެވެ. މި ލަނޑަށްފަހު ސްޕެއިންއިން ކުޅުނު ރަނގަޅު ކުރުމުގެ ނަތީޖާއެއްގެ ގޮތުން 38 ވަނަ މިނެޓުގައި ޕަބްލޯ ސަރާބިއާ ވަނީ ލަނޑެއް ޖަހައި އެއްވަރު ކޮށްދީފައެވެ.

ދެ ޓީމު އެއްވަރުވެ އޮވެ ފުރަތަމަ ހާފު ނިމިގެންދިޔައިރު 57 ވަނަ މިނެޓުގައި އަޒްޕްލިކުއެޓާ ވަނީ ލަނޑެއް ޖަހައިދީ ސްޕެއިންއަށް ލީޑު ނަގައިދީފައެވެ. ސްޕެއިންގެ ތިންވަނަ ލަނޑު 77 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ޖަހާފައި ވަނިކޮށް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ކައިރި ކައިރީ ދެ ލަނޑު ޖަހައި ކްރޮއޭޝިއާއިން ވަނީ އެއްވަރުކޮށްފައެވެ. މި ލަނޑުތައް އެޓީމަށް ޖަހައިދިނީ މިސްލާވް އޮރސިޗް އަދި މާރިއޯ ޕަސަލިޗްއެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތެރޭގައި ވެސް ދެ ޓީމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ނަމަވެސް ސްޕެއިންގެ އަލްވާރޯ މޮރާޓާ އަދި އޮރަޒަޔަބާލް ވަނީ ފުރުސަތުތަކުގެ ބޭނުން ހިފައި ސްޕެއިންއަށް އަލުން އަނބުރާ ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

ކުއާޓާ ފައިނަލްގައި ސްޕެއިން ނުކުންނާނީ ފްރާންސް އަދި ސްވިޓްޒަލޭންޑް ބައްދަލުކުރާ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *