މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ މަސައްކަތް ހުއްޓިފައިވަނީ މޭޔަރ ޑރ. މުހައްމަދު މުއިއްޒުގެ އެދިލެއްވުމަށް ބައެއް ބަދަލުތަކެއް ގެންނަން ޖެހޭތީ ކަމަށް އެ މަސައްކަތްކުރަމުން އަންނަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މޫކޭ ވިދާޅުވީ މާލޭ ސްޓްރީޓް ސްކޭޕިންގ މަޝްރޫޢުގެ ދަށުން ސޮއިކުރެވިފައިވާ، ހެންވޭރު އަދި މައްޗަންގޯޅި މަގުތަކުގެ މަސައްކަތް ހުއްޓިފައި ވާ ސަބަބު އޮޅުން ފިލުވުމަށް އެ ދާއިރާތަކުގެ ކައުންސިލަރުން ބައްދަލުކުރައްވައި މައުލޫމާތު ހޯއްދަވާފައިވާތީ އުފާކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތު މަސައްކަތް މިވަގުތަށް ހުއްޓިފައިވަނީ މާލޭ މޭޔަރގެ އެދިލެއްވުމާއި އެއްގޮތަށް ޕްރޮޖެކްޓް ސްކޯޕަށް ބޮޑެތި ބަދަލުތައް ގެންނަން ޖެހޭތީ ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.

އެގޮތުން މިހާރު ކުރިޔަށް ދަނީ މާލެ ވަށާ 4 ފޫޓު ފުޅާ ދުވާ ޓްރެކެއް ހެދުމަށް އަންދާސީ ހިސާބު ހުށައެޅުމުގެ މަސައްކަތް ކަމަށް ވެސް މޫކޭ ވިދާޅުވެފައިވެއެވެ.

މާލޭ ސިޓީ ސްޓްރީޓް ސްކޭޕިންގ މަޝްރޫއަކީ 462 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ފުރަތަމަ ފޭސް ގެ ދަށުން އަށް މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެއެވެ. މާލޭ ސިޓީ ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަތަރު ވައްތަރެއްގެ މަގު ހެދުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި ހިމެނެނީ އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑްރީ ރޯޑްސް އަދި ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑްސްއެވެ.

މިޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާ ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްތަށް ވަނީ ފަރުމާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.